ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އިތުރު ތިން މީހަކު ބީއެމްއެލް އިން ނެގި ލޯނަކަށް ފައިސާ ދައްކާފައި ނުވާތީ ތިން މަސް ދުވަހުގެ ތެރޭގައި 6.3 މިލިއަން ރުފިޔާ ބީއެމްއެލްއަށް ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، ހާމިދު ފަހުމީ އާއި މުހައްމަދު ފަހުމީ ރަހުނު ބަހައްޓައިގެން އަލްހާން ފަހުމީއާއި އަޒްހާން ފަހުމީގެ އެދުމަކަށް ބީއެމްއެލް އިން ދޫކޮށްފައިވާ 6،403،600 ރުފިޔާގެ ޑިމާންޑް ލޯނު އެއްބަސްވެފައިވާ ގޮތަށް ދައްކާފައި ނުދާ ކަމަށެވެ.

މީގެ އިތުރުން އެ ލޯނަށް މިހާތަނަށް 6.3 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށް އެހުކުމުގައި ވެއެވެ. މި 6.3 މިލިއަން ރުފިޔާ ތިން މަސް ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

އަދި ފައިސާ ދައްކައި ނިމެންދެން ރަހުނުގެ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

އަލްހާން އާއި އޭނާގެ އާއިލާ އިތުރު ތިން މީހަކު މި ލޯނު ނަގާފައިވަނީ މ. ފިނިވާގެ 2 ނަންބަރު ބައި ގޯއްޗާއި އެ ގޯތީގައިވާ ހުރިހާ އިމާރާތެއް ބޭންކަށް ރަހުނު ކުރުމަށް ފަހުއެވެ.

ބޭންކާ އެކު ވެފައިވާ ރަހުނު އެއްބަސްވުމުގައި ހާމިދު ފަހުމީ އާއި މުހައްމަދު ފަހުމީ ރަހުނު ބަހައްޓާ ފަރާތުގެ ހައިސިއްޔަތުން ސޮއިކޮށްފައި ވާއިރު އަލްހާން ފަހުމީ އާއި އަޒްހާން ފަހުމީ ސޮއިކޮށްފައި ވަނީ ލޯނު ނަގާ ފަރާތެއްގެ ހައިސިއްޔަތުންނެވެ.