އިދިކޮޅު ޕީޕީއެމުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވަކިކުރުމާ އެކު، ވިލިމާލޭގެ ކަންކަން ކުރުމަށް ސިޓީ ކައުންސިލުން ހުރަސް އަޅާ ކަމަށް، އޭނާ ވިދާޅުވި ވާހަކަ ސިޓީ ކައުންސިލުން ދޮގުކޮށްފިއެވެ.

ވިލިމާލެ އިހްސާން ފިހާރައިގައި ރޯވެ، އެ ފިހާރައަށް ބޮޑެތި ގެއްލުންތަކެއް ވި ހާދިސާ އާ ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓުގައި ނަހުލާ ވިދާޅުވިގޮތުގައި:

  • އެ ހާދިސާގައި ހަލާކުވެފައިވާ ތަކެތި އުކާލުމަށް އެހީތެރިކަމަށް އެދުމުން ކައުންސިލުން އެހީތެރިކަމެއް ނުދޭ
  • ޕީޕީއެމުން ވަކިކުރުމުން އޭނާގެ މަސައްކަތަށް ދަނީ އެކި ގޮތްގޮތުން ހުރަސް އަޅަމުން
  • އެކަން އެގޮތަށް ކައުންސިލުން ކުރަނީ ޕީޕީއެމުން އަންގައިގެން ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި

"ވިލިމާލެ ދާއިރާ އަކީ ޒަމާނުއްސުރެ ބަޔަކު އިހުމާލުވެފަ އޮތް ތަނެއް. ވިލިމާލެ ދާއިރާ އަށް ކަންކަން ފަހިކުރުމަށްޓަކައި ކެނޑިނޭޅި އަޅުގަނޑު މި ދަނީ މަސައްކަތް ކުރަމުން." ނަހުލާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އެއާއެކު، އިއްޔެ ބޭއްވި ކައުންސިލްގެ ރަސްމީ ބައްދަލުވުމަށް، ނަހުލާ ކުރެއްވި ޕޯސްޓުގެ މައްސަލަ، ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވަނީ ހުށަހަޅުއްވައިފައެވެ. ރަމީޒް ވިދާޅުވީ، ކައުންސިލްގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަ ކަމެއް ކަމަށާއި، އެފަދަ ގޮތަކަށް އެއްވެސް ކައުންސިލަރަކު އަމަލުކޮށްގެން ނުވާނެ ކަމަށެވެ.

ނަހުލާގެ ވާހަކައަށް ރައްދު ދެއްވައިމުއިއްޒު ވިދާޅުވީ، ނަހުލާ ދައްކަވާފައި ވަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އެ ވާހަކައިގެ ސަބަބުން މޭޔަރާއި ކައުންސިލްގެ އަގު ވެސް ވެއްޓިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ކައުންސިލުން ވިލިމާލެއަކަށް އިހުމާލެއް ނުވާނެ. މިއަދާ ހަމައަށް ވެސް ވާނީ ކައުންސިލުން ވިލިމާލެ އަށް ފުރިހަމަ އަށް އެހީތެރިކަން ދީފަ .ސަމާލުކަން ދީ ކަންކަމުގަ ސަޕޯޓު ވެސް ދީފަ. ދިމާވާ ކޮންމެ ހާދިސާއެއްގައި ވެސް ތަފާތުކުރުމެއް ނެތި ހުރިހާ ދާއިރާއަކަށް ވެސް އަޅުގަނޑުމެންނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެބަ ދެވޭ."

މުއިއްޒު ވިދާޅުވި ގޮތުގައި، އެއްވެސް ކައުންސިލަރަކު ނިސްބަތްވާ ދާއިރާގެ އަގު ވެއްޓޭގޮތަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ އެފަދަ ވާހަކަތަކުގެ ސަބަބުން ކައުންސިލަރުންގެ މެދުގައި އޮންނަންވާ އެކުވެރިކަމަށް ބުރޫ އަރާތީއެވެ.

ނަހުލާގެ އިތުރުން، އޭނާގެ މަންމަ އާމިނަތު ލީލާ ޕީޕީއެމުން ވަކިކޮށްފައިވަނީ މިދިޔަ މޭ މަހުގެ 8 ވަނަ ދުވަހުގައެވެ. ދެމައިން ވެސް ވަކިކޮށްފައިވަނީ ދާދިފަހުން ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައިއިލެކްޝަންގައި ޕީޕީއެމުން ވާދަކުރި ކެންޑިޑޭޓް އަދި އިންތިހާބީ މެންބަރު ފާތިމަތު ނާޒިމާ އަށް އެންޓި ކެމްޕެއިން ކޮށް، އެމްއެންޕީން ވާދަކުރި ކެންޑިޑޭޓު އާމިނަތު ޝީޒާ އަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކުރި ކަމުގެ ހެކި ހުރި ކަމަށް ބުނެއެވެ.