އަންނަ ދިރާސީ އަހަރަށް ބޭނުންވާ ފޮތް ލިސްޓު ނަގަން އުރީދޫގެ މޫލީ މެދުވެރިކޮށް އޯޑަރު ކުރެވޭނެ ގޮތަށް ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ، "ބެކް ޓު ސްކޫލް" ނަމުގައި ކުރިއަށް ގެންދާ އެ އޮފާ އަކީ އުރީދޫ އަދި ނޮވެލްޓީ ބުކްޝޮޕް ގުޅިގެން ދިރާސީ އާ އަހަރާ ދިމާކޮށް، ބުކްޝޮޕްތަކުން ހިލޭ ދޫކުރާ ފޮތްލިސްޓްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ކަސްޓަމަރުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދަ ޕްރޮމޯޝަންއެކެވެ.

އެ އޮފާގެ ދަށުން މޫލީ މެދުވެރިކޮށް، ކޮންމެ އިރަކު އޯޑަރު ކުރިޔަސް، އެ މީހަކު ހުރި ތަނަކަށް ފޮތް ލިސްޓު ޑެލިވަރީ ކޮށްދޭނެ އެވެ. އެ ޕްރޮމޯޝަންގެ ދަށުން މޫލީ މެދުވެރިކޮށް، އޯޑަރު ކުރާ މީހުންނަށް ފޮތް ލިސްޓުގެ އިތުރުން ބެކްޕެކް، ސްޓިކާ ޕެކް، ސެލޯފެން އަދި ނަން ކާޑު ހިމެނޭ ގިފްޓް ޕެކެއް ލިބޭނެއެވެ.

މި އަހަރުގެ ކިޔެވުން މާދަމާ ނިންމާ ލާ އިރު، ފޮތް ލިސްޓު ނެގުމަށް މި ކުރިއަށް އޮތް މަސް ދުވަހު ވަރަށް ބާރުބޮޑު ވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އުރީދޫ މޫލީ މެދުވެރިކޮށް ފޮތް ލިސްޓު ޑެލިވަރީކޮށް ދިނުމަށް ހަމަޖެހިފައި ވުމުން މި އަހަރު ބުކްޝޮޕްތަކަށް ބާރުބޮޑުވުން ކުޑަވެގެން ދާނެ ކަމަށް ބެލެވެއެވެ. އުރީދޫން ބުނީ މި ޕްރޮމޯޝަންގެ ބޭނުމަކީ ފޮތްލިސްޓް ހޯދުމަށް ދަރިވަރުންނާއި ބެލެނިވެރިން މާލެ އަށް ދަތުރުކޮށް، ފިހާރަތަކަށް ބާރުބޮޑުވެ، ކިއުގައި ޖެހެން ނުޖެހޭނެ ގޮތެއް ހަމަޖެއްސުމަށާއި، ބެލެނިވެރިންނަށް ލުއި ފސޭހާ ހިދުމަތެއް ފޯރުކޮށް ދިނުން ކަމަށެވެ.

މި އަހަރުގެ ކިޔެވުން މާދަމާ ނިންމައި، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އޮގަސްޓް 8 ގައެވެ.