އެއްޖިއްސުން ގުޅުން ހިންގާ މައްސަލަ ހޫނު ވެފައިވާ މި ދަނޑިވަޅުގައި ފިޔަވަޅު އަޅަން ހުރި މުއައްސަސާ އާއި އާންމުންގެ ހިޔާލު ވަރަށް ވެސް ތަފާތެވެ. ފުލުހުން ބުނާ ގޮތުގައި މިއީ ބްލެކްމެއިލްކޮށް ބިރު ދެއްކުމުގެ މައްސަލައެކެވެ. ނަމަވެސް އާންމުން ބުނާ ގޮތުގައި އެ ފާހިޝް އަމަލު ހިންގި މީހުންނާ މެދު ފިޔަވަޅު އެޅުމަކީ އެންމެ އިސްކަން ދޭން ޖެހޭނެ ކަމެވެ. މި ވަގުތު އެމީހުން ދޫވެފައި ތިބުމަކީ މި ފަދަ ކުށްތައް ކުރާ މީހުންނަށް ލިބޭ ހިއްވަރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އާންމުވެފައިވާ ވީޑިއޯއަކާއި ފޮޓޯތަކަށް ނަޒަރު ހިންގާލާ އިރު އެ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަނީ ރާއްޖޭގައި ގަދަރު އުފުލިގެންވާ އަދި މަޝްހޫރު ބޭފުޅުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހަންމަދު ނަޝީދު (ކާނަލް) ކަމަށް ބުނާ ބޭފުޅުން ހިމެނެއެވެ. ނަމަވެސް ހައިރާން ވާން ޖެހުނު ކަމަކީ މި ވީޑިއޯއާއި ފޮޓޯތަކުން ވެސް ފެންނަނީ އެ ދެބޭފުޅުން ވެންނެވި ކޮޓަރިއަކީ އެއް ކޮޓަރިއަކަށް ވުމެވެ. އަދި އެ ތަނުން އެބޭފުޅުންނާ ބައްދަލުވަނީ ވެސް އެކަކު ކަމެވެ. އެއީ ބަންގްލަދޭޝްގެ ޒުވާން ފިރިހެނެއް ކަމަށްވާ، އެމްޑީ އަލަމްގިރިއެވެ.

އެއީ މާލޭގެ އޯކިޑް މަގުގައި ހަދާފައި ހުރި 10 ބުރީގެ އިމާރާތެއްގެ ދެ ވަނަ ފްލޯގައި ހުރި ކޮޓަރިއެކެވެ. އެ ކޮޓަރިއަށް ވަންނަ އިރު އެ މަންޒަރު ވީޑިއޯ ކޮށްފައި ވަނީ އަލަމްގިރިކަން އެނގެއެވެ. އަދި މިއީ ރާވައިގެން ކުރާ ކަމެއް ކަން ވެސް ދޭހަ ކޮށްދެއެވެ. ސީދާ އޯކިޑް މަގުން ވަދެވޭ އެ ގެ ހުންނަނީ މައި ދޮރެއް ލައި އެލާމް ސިސްޓަމެއް ހަރުކޮށް ވަރަށް ސެކިއުރިޓީ ވަރުގަދަ ކޮށެވެ. މައި ދޮރުން ވަދެގެން ގޯޅިގަނޑަކުން ލާފައި އެތެރެއަށް ވަދެވޭ އިރު އެ ގޯޅިގަނޑު ތެރެވެސް ފެންނާނެ ހެން ހުންނަނީ ކެމެރާ ހަރުކޮށްފައެވެ.

އެއްޖިއްސުން ގުޅުން ހިންގި މައްސަލައިގައި ލީކްވި ވީޑީއޯގައި ފެންނަ ކޮޓަރިި ހުންނަ އިމާރާތް

'ދަ ޕްރެސް' އަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނި ގޮތުގައި މި ކަމަކީ މީގެ އަހަރެއްހާ ދުވަސްކުރިން ސުރެ ހިންގަމުން އަންނަ ކަމެކެވެ. މިކަން ކޮށްފައި ވަނީ އެއް ޖިއްސުން ގުޅުން ހިންގާ މީހުންގެ ތެރޭގައި ދުނިޔޭގައިވެސް މަގްބޫލް މޯބައިލް އެޕެއް މެދުވެރިކޮށެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ދެމީހަކު ފްރެންޑް ރިކުއެސްޓް ފޮނުވައި ޗެޓްކޮށް ހަދައެވެ. އަދި ޗެޓް ކުރުމަށް ފަހު އެ ކޮޓަރިއަށް ދިއުމަށް ދައުވަތު ދެނީއެވެ.

ކުޑަ ދުވަސްކޮޅަކު ވާހަކަ ދެއްކުމަށް ފަހު އެ ރޫމަށް ގެންދާ މީހުންނަށް ބުނެދީފައި ވަނީ އެ ތަނަކީ ސެކިއުރިޓީ ވަރުގަދަ ތަނެއް ކަމަށެވެ. އަދި އެތަނަކީ މީހަކު ނޫޅޭ ތަނެއް ކަަމަށާއި ހާސްވާން ނުޖެހޭނެ ކަމަށާއި ސިއްރު ހިފެއްޓޭނެ ކަމަށެވެ.

މިހާތަނަށް ދެމީހެއްގެ ވީޑިއޯ ލީކް ކޮށްލާފައި ވާ އިރު އަލަމްގިރި އެތަނަށް ގިނަ ބަޔަކު ވަނީ ވައްދާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ސިޔާސީ އެތައް ބަޔަކު ހިމެނޭ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ވަނީ ބުނެފައެވެ. އަދި އިތުރު ވީޑިއޯތައް ވެސް އޭނާ ނަގާފައި ހުންނާނެ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި މި ވީޑިއޯތަކަކީ އެމީހުން ބްލެކްމެއިލް ކުރުމަށް ހިންގާ ކަމެއް ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ބުނެއެވެ.

މި ވީޑިއޯތައް ނަގާފައި ހުންނަތާ އެތައް ދުވަހެއް ފަހުން ފައިސާ އަށް ޑިމާންޑްކޮށް ދިވެއްސަކު އެމީޙުހުނަށް ގުޅާ ކަމަށް ވެއެވެ. އެ ގޮތުން ނާޒިމްއަށް ގުޅައި އެއް މިލިއަން ރުފިޔާ ދިނުމަށް އެދުނު ކަމަށާއި އަދި ކާނަލް ނަޝީދަށް ގުޅައި 200000 ޑޮލަރު ދިނުމަށް ޑިމާންޑް ކުރި ކަމުގެ މައުލޫމާތު ބައެއް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް މިކަމުގައި ނާޒިމް އާ ސުވާލު ކުރުމުން އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. މި މައްސަލައިގައި ކާނަލް ނަޝީދު ވިދާޅުވެފައި ވަނީ އޭނާ ފައިސާ ދެއްވަން އިންކާރު ކުރެއްވި ކަމަށާއި އަދި ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ވީޑިއޯ ލީކް ކޮށްލިއަސް ވަރިހަމަ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީ އަލަމްގިރި / ފޮޓޯ: ސޯޝަލްމީޑިއާ

ބްލެކްމެއިލް ކުރުމާއި ބިރުދެއްކުން އިތުރުވުމުން މިދިޔަ ރޯދަ މަހުގެ ތެރޭގައި ނާޒިމް ސައްތާރު ވަނީ ބްލެކްމެއިލް ކުރި މައްސަލަ ޕޮލިހަށް ރިޕޯޓް ކުރައްވާފައެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް މި މަހުގެ 24 ވަނަ ދުވަހު އެ ވީޑިއޯ ލީކް ކޮށްލީއެވެ. މިއާއެކު ނާޒިމް އިންކާރު ކުރައްވާ އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެއެވެ. މި މައްސަލައިގެ ތަހުގީގުގެ ސްޕީޑް އިތުރަށް އަވަސްކޮށް ފުލުހުން މި މައްސަލަ ބަލަން ފެށިއެވެ. ހަމައެއާއެކު އިއްޔެ ވަނީ ކާނަލް ނަޝީދު އެ ކޮޓަރިއަށް ވަންނަވާ ވީޑިއޯއެއްގެ ސްކްރީންޝޮޓްތައް އާންމު ކޮށްފައެވެ. އެއާ އެކު ކާނަލް ވަނީ އެ ވީޑިއޯއިން ފެންނަނީ އޭނާ ކަމަށް އެއްބަސްވެ ވަޑައިގެން އެތަނަށް ވަޑައިގަތީ ބިޒްނަސް މީޓިން އަކަށް ކަމަށް ވިދާޅުވެފައެވެ.

މި ކަމަކީ ހަމައެކަނި އަލަމްގިރި އަޑީގައި ހުރެގެން ހިންގާ ކަމެއް ނޫން ކަން ދޭހަވަނީ ބްލެކްމެއިލް ކުރުމަށް އެ މީސްމީހުންނަށް ގުޅާ ކޯލްތަކުގައި ދިވެހި ބަހަށް ފަރިތަކޮށް ވާހަކަ ދައްކަން އިނގޭ މީހަކު ފައިސާގެ ޑިމާންޑްކޮށް ވާހަކަ ދައްކާތީ ކަމަށް މަސްދަރުތަކުން ބުނެއެވެ. އަލަމްގިރިއާއި ނާޒިމް ސައްތާރު އެއްޖިއްސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯގައި އަަލަމްގިރި ގިނަ ސުވާލުތަކެއް ނާޒިމް އާ ކުރާ އިރު އޭނާގެ ވާހަކަ ދެއްކުން ހުންނަ ގޮތުން އެއީ ބިދޭސީއެއްކަން ފަސޭހައިން ނަގައިގަނެވެއެވެ. އެހެންކަމަުން މި ކަމަކީ ބިރުދައްކައިގެން މީހުން އަތުން ފައިސާ ފޭރުމަށް ދިވެެއްސަކު ނުވަތަ އިތުރު ބަޔަކު އަޑީގައި ތިބެގެން ހިންގާ ކަމެއް ކަމަށް ބެލެވެއެވެ. އެއް ޖިއްސުން ގުޅުން ހިންގުމަކީ ކުށެއް ކަމަށް ވާއިރު، ބިރުދައްކައި ބްލެކްމެއިލް ކުރުމަކީ ވެސް ކުށެކެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް

މިކަމާ ގުޅިގެން ފުލުހުންގެ ފަރާތުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުމަކީ ގާނޫނީ ގޮތުން ބޮޑު އަދަބު ކަނޑައެޅިފައި އޮތް ކުށެއް ކަމަށާއި ފުލުހުންގެ އިދާރާއަށް ހުށަހެޅޭ މިފަދަ މައްސަލަތައް މިހާރުވެސް އަދި ކުރިންވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ. މިހާރު ބްލެކްމެއިލް ކުރުމާއި ބިރު ދެއްކުމުގެ މައްސަލަ ބަލަމުން ދާ ކަމަށާއި އެއް ޖިއްސުން ގުޅުން ހިންގުމުގެ މައްސަލަ ވެސް ބަލައި ތަހުގީގު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމުންގެ ކަންބޮޑުވުން މިކަމުގައި ހިއްސާ ކޮށް ވީޑިއޯ ލީކް ކޮށްލި ދުވަހުން ފެށިގެން އަންނަނީ ސޯޝަލް މީޑިއާގައި އެ ވީޑިއޯތަކާއި އެ ވީޑިއޯތަކުގެ ސްކްރީޝޮޓްތައް ދައުރުކޮށް ވީޑިއޯއިން ފެންނަ ކަމަށް ބުނި މީހުންނަށް މަލާމާތް ކޮށް އެމީހުންނަށް ފުރައްސާރަ ކުރަމުންނެވެ. މި ކަން ހިންގަން ފެށުމާއެކު ނާޒިމް ވަނީ ޓްވިޓާއިން ވެސް ދުރަށް ޖެހިވަޑައިގެންފައެވެ.

މި މައްސަލައިގައި ބަޔަކު ގޮސް ކުށެއް ކުރުން އެއީ ގޯސް ކަމަކަށް ވާއިރު، ބަޔަކު އެފަދަ ކުށަކަށް އަރައި ގަތުމަށް ހިތްވަރު ދީ އެ ފުރުސަތު ފަހިކޮށްދީ އެމީހުން ކުށްކުރާ މަންޒަރު ރެކޯޑްކޮށް ބިރު ދެއްކުމާއި އެ މަންޒަރު ލީކް ކޮށްލައި ފުރައްސާރަ ކުރުމަކީ މައްސަލައަކަށް ނުވާ ގިނަ ބަޔަކު އުޅުނަސް އެއީ ވެސް ކުށެކެވެ.

މިއަދު ނާޒިމް އާއި ކާނަލް ނަޝީދު އެ ކޮޓަރިއަށް ވަންނަވާ މަންޒަރު ފެންނަ އިރު، އެމީހުންގެ މަޅީގައި ޖެހި 43 މީހަކު އެކޮޓަރިއަށް ވަން ކަމަށް ބުނާ އިރު ދެން ލީކް ކޮށްލާނީ ކާކުގެ ވީޑިއޯއެއް ކަމެއް ނޭނގެއެވެ.