ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ މަގްސަދު ހާސިލްކުރުމަށްޓަކައި ކުރަންވީ އެންމެ މުހިއްމު އެއްކަމަކީ ޑައިވާޝަންގެ ނިޒާމް ގާއިމްކޮށް, އެނިޒާމް ފައްކާ ކުރުންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ޑައިވާޝަންގެ ނިޒާމަކީ ކުށެއް ކުރުމުން އެކުށާ ގުޅިގެން އަންނަ ހުކުމް ތަންފީޒުކުރުމުގެ ބަދަލުގައި ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުސަތުދީ, އެ ޕްރޮގުރާމް ފުރިހަމަކޮށް ނިމުމުން ހުކުމް ތަންފީޒުކުރަން ނުޖެހުމެވެ.

އިމްރާން މިހެން ވިދާޅުވީ "އިމްޕްލިމެންޓޭޝަން އޮފް ޑައިވާޝަން ފޯ ޗިލްޑްރަން އިން ކޮންފްލިކްޓް ވިތް ދަ ލޯ" ގެ ނަމުގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަގައި އިމްރާން ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި އަލަށް ފެށިގެންދާ ކަމަކަށްވާތީ މިކަމަށް އެންމެން ވަރަށްބޮޑަށް އަހުލުވެރިވާންޖެހޭ ކަމަށެވެ. އެކަމަށް ވަރަށްބޮޑަށް ތައްޔާރުވާން ޖެހޭނެކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ މިކަން ކާމިޔާބުކުރަން ވަރަށްގިނަ ހުނަރުތައް ދަސްކުރަން ޖެހޭ ކަމަށެވެ.

އެކަން ކުރެވޭނީ އަޅުގަނޑުމެން އެންމެން ގުޅިގެން ކަމަށާއި, ކުޑަކުދިންގެ މުޅި އަދުލުގެ ނިޒާމް ފުރިހަމަކުރުމަށްޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެކުގައި މަސައްކަތްކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ. ނަތީޖާއަކާ ހަމައަށް ދެވޭނީ ގުޅުންހުރި ހުރިހާ މުއައްސަސާތައް އެކުގައި މަސައްކަތް ކޮށްގެންކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

މިމަސައްކަތް ކުރުމުގައި އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަންޖެހެނީ އަޅުގަނޑުމެން މިއަދުގެ ހާލަތު އޮތްގޮތުން އެންމެ ކުއްޖަކު ރަނގަޅުކުރެވުނަމަވެސް އެއީ މިމުޅި މައްސަލައިން އަރައިގަތުމަށް ނެރެވޭ މުހިއްމު ނަތީޖާއެއްގޮތުގައި ފާހަގަކޮށްގެން. އަޅުގަނޑުމެންގެ ތެރޭން މިމަސައްކަތްކުރާ ބޭފުޅުންނަށް ހިތްވަރެއް ލިބޭނީވެސް އެވިސްނުމުގައި މަސައްކަތްކޮށްގެން. މުޅި މައްސަލައަށް އެއްދުވަހުން އެއްފަހަރާ ހައްލުހޯދިދާނެކަމަށް ގަބޫލުކޮށްގެން މަސައްކަތް ކުރާނަމަ އަޅުގަނޑުމެންނަށް ވަރަށްބޮޑު ނާއުއްމީދަކާ މާޔޫސްކަމެއް އަންނާނެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ގާތްގަނޑަކަށް ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މުޅި އިޖުތިމާއީ ވެއްޓަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބަދަލެއް އައިސްފައިވަނީ އާއްމު ބަހުރުވައިންނަމަ ކުޑަކޮށް ސިޔާސަވަމުންދާ ކުޑަކުދިންނަށް ރަނގަޅު ހައްލެއް ހޯދޭނެ މަގެއް ރަނގަޅަށް ހޯދިފައި ނެތުމުން ކަމަށެވެ.

މިމަސައްކަތް އެކިސަރުކާރުތަކުން އެމިންވަރަށް ކުރަމުންގޮސް މިސަރުކާރު އައުމާއެކު އެންމެ އިސްކަމެއްދިން އެއްކަމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދުކުރަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިމްރާން ވަނީ، މި ސަރުކާރުން ވުޖޫދުކުރި ގާނޫނުގެ ތެރެއިން ކުޑަކުދިންގެ އަދުލުގެ ގާނޫނު ހިމެނެނީ އެންމެ ކުރީކޮޅު ވުޖޫދުކުރި ގާނޫނުގެ ތެރެއިންކަން ފާހަގަކުރައްވާފައެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތަކާއެކުވެސް އެމަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ ރެސިޑެންޓަލް ފެސިލިޓީޒް އަދި ހާފްވޭ ހައުސް ހެދުމުގެ މަސައްކަތަކީ އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަންކަންކަމަށް ވިޔަސް އެމަސައް މިއަދު ފަށާފައިވާ ކަމަށެވެ.

މިއަހަރު ނިމިގެންދާއިރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެމަސައްކަތުގައި އަމަލީ ނަތީޖާ ފެނި ރަނގަޅަށް މިކަންކަން ފަށައިގަނެވޭނެ ކަމަށް އުއްމިދުކުރައްވާކަމަށް އިމްރާން ވިދާޅުވިއެވެ.

މިތަމްރީނުތައް ކުރިއަށްގެންދާއިރު މިމަސައްކަތުގައި ޔޫއެންގެ ތަފާތު އެޖެންސީތަކުން ހާއްސަކޮށް ޔޫއެންއޯޑީސީގެ ފަރާތުން ދިން އެހީތެރިކަން ފާހަގަކުރައްވާ އެއެޖެންސީތަކަށް އިމްރާން ޝުކުރު އަދާކުރެއްވިއެވެ.

ހޯމް މިނިސްޓްރީން ބުނީ، ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު މިއަދު ފެށި މަސައްކަތު ބައްދަލުވުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މިމަސައްކަތު ބައްދަލުވުން އަމާޒުކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި, ޕީޖީއާއި, ދިވެހި ފުލުހުންގެ ހިދުމަތާއި, ޖުވެނައިލް ކޯޓާއި, އެޑިއުކޭޝަން މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީގެ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ.