ހިޖުރަވެރިންގެ ގޮތުގައި ގަވައިދާ ހިލާފަށް ސްރީލަންކާ ދޫކޮށް ކަނޑު މަގުން ފުރަން އުޅުނު ކަމުގެ ކުށުގައި 47 މީހަކު ހައްޔަރު ކޮށްފިއެވެ.
ދުވަހު މަސްވެރިކަމުގައި ބޭނުން ކުރާ ޒާތުގެ މަސްބޯޓެއްގައި، ގަވައިދާ ހިލާފަށް އޮސްޓްރޭލިއާއަށް ދަތުރު ކުރަން އުޅުނު ކަމުގެ ކުށުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފައި ވަނީ ކަނޑުގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ނިގެމްބޯ ސަރަހައްދުން، ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ރޭގެ އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި 34 ފިރިހެނަކާއި 6 އަންހެނެއްގެ އިތުރުން ކުޑަ 7 ކުދިންވެސް ހިމެނެއެވެ. ގަވައިދާ ހިލާފަށް އޮސްޓްރޭލިއާއަށް ހިޖުރަ ކުރަން އުޅުނު 47 މީހުން ހައްޔަރު ކޮށްފައި ވާ އިރު، އެ މީހުން ދަތުރު ކުރަމުން ދިޔަ މަސްބޯޓުވެސް ކަނޑުގެ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ.
ހައްޔަރު ކުރި 47 މީހުން މިހާރު ވަނީ، ޝަރުއީ މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކާ ކޮލަމްބޯ ހާބާ ޕޮލީސްއާއި ހަވާލުކޮށްފައެވެ.
ޖޫން 23 ވަނަ ދުވަހުވެސް މިފަދަ 35 މީހުންގެ ގުރޫޕެއް ވަނީ ހައްޔަރު ކޮށްފައެވެ.
ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ މިފަދަ ޣައިރު ގާނޫނީ ސްކީމްތަކުގެ ތެރެއިން އެހެން ގައުމުތަކަށް މީހުން ގެންގޮސްދިނުމަށް ކަމަށް ބުނެ ހިންގާ ސްކީމްތަކަށް ފާރަވެރިވުމަށް އާންމު ރައްޔިތުންނަށް ގޮވާލާފައެވެ.
އޮސްޓްރޭލިއާއަކީ ޣައިރު ގާނޫނީ ހިޖުރަވެރިންނަށް އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ ގައުމެކެވެ. ގަވައިދާ ހިލާފަށް އެތެރެވާން މަސައްކަތް ކުރާ ފަރާތްތައް އެ ގައުމުން ޑީޕޯޓްކޮށް، ކުރިއަށް އޮތް ތަނުގައި ގާނޫނީ އިމުގެ ތެރެއިން އެ ގައުމަށް އެތެރެވެވެން އޮންނަ ފުރުސަތުވެސް ބަންދު ކުރެއެވެ.
މި ދުވަސްވަރަކީ އިގުތިސޯދީ އަދި މާލީ ހީނަރުކަމުގެ ސަބަބުން ސްރީލަންކާގެ އާންމު ދިރިއުޅުމުގެހާލަތު އޭގެ އެންމެ އިންތިހާއަށް ހީނަރުވެފައި ވާ ދުވަސްވަރެކެވެ.