2MVA ގެ އާ ޓްރާންސްފޯމަރެއް މާފަންނު ސަހަރާ ހިމެނޭ ސަރަހައްދުގައި ބަހައްޓައިފިއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ވަރުގަދަކޮށް، ޑިސްޓްރިބިއުޝަން ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، 2MVA ގެ އާ ޓްރާންސްފޯމަރެއް މިހާރު މާފަންނު ސަހަރާ ހިމެނޭ ސަރަހައްދުގައި ބަހައްޓާފައިވާ ކަމަށެވެ.

ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މާލޭ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ އަންނަނީ ދިމާވަމުންނެވެ. މިގޮތުން މީގެ އެއް މަސް ކުރިން މާލޭގައި ކަރަންޓު ދޭ މައި ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން، މޭ 24 ގެ ފަތިހު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނެވެ. އެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސް، އަލުން ކަރަންޓު ދޭން ފަށާފައިވަނީ ހެނދުނު 9:10 ގެ ފަހުންނެވެ.

އެކަމާ ގުޅިގެން މާލޭން ކަރަންޓު ކެނޑުނު މައްސަލައަށް ހައްލެއް ލިބެން އޮތީ އިތުރު ކޭބަލެއް ވަޅުލައިގެން ކަމަށް މީގެ ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

އަދި މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ދެމުން އައި ކޭބަލް ހަލާކުވުމުގެ ސަބަބުން، މިހާރު ކަރަންޓު ދޫކުރަމުން ދަނީ ހަތަރު އެހެން ފީޑަރެއް މެދުވެރިކޮށް ކަމަށާއި، އެހެންވެ، ބާކީ ފީޑަރުތަކަށް ލޯޑު ބޮޑުވާ ވަގުތުތަކުގައި ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ވެސް ޝަރީފު އޭރު ވަނީ ވިދާޅުވެފައެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ކޭބަލަށް ގެއްލުން ލިބިފައިވަނީ މަގު ކޮނުމުގެ ތެރޭގައި ކަމަށް އެކަށީގެންވެއެވެ. އަދި މިފަދަ މައްސަލަތައް ދިމާވަނީ ކޮންޓްރެކްޓަރުން މަގުތަކުގެ މަސައްކަތް ކުރުމަށްޓަކައި މަގު ކޮންނައިރު ކޭބަލްތަކަށް ގެއްލުން ވުމުން ސްޓެލްކޯއަށް އެންގުމުގެ ބަދަލުގައި ފަސް އަޅައި ފޮރުވާފައި ބަހައްޓާފައި ހުރުމުން، ގިނަ ދުވަސްވުމުގެ ސަބަބުން ގެއްލުންވެފައިވާ ކޭބަލްތަކުގައި މައްސަލަ ޖެހި ކަރަންޓު ސޯޓުވުމުން ކަމަށް އޭނާ ވިދާޅުވެއެވެ.

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި، އެފަދަ މަސައްކަތް ކުރުމަށް ދޭތެރެ ދޭތެރެއިން ސްޓެލްކޯ އިން ކަރަންޓު ކަނޑައެވެ. އަދި އާންމުންނާ އެފަދަ މައުލޫމާތު ހިއްސާކުރެއެވެ.