އެމެރިކާގެ ޓެކްސަސްގެ މަގެއްގެ މައްޗަށް ދޫކޮށްލާފައި ވާ ލޮރީއެއްގެ ތެރެއިން، 46 މީހެއްގެ ހަށިގަނޑު ހޯދައިފިއެވެ.
ހިޖުރަވެރިންތަކެއް ކަމަށް ބެލެވޭ މީހުންގެ ހަށިގަނޑުތައް ނެގި ލޮރީ ތެރެއިން ފެނުނު އިތުރު 16 މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށް ރެސްކިއު އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ.
ލޮރީ ތެރޭގައި ތިރިތިއްބާ ފެނުނު މީހުންގެ ހަށިގަނޑުގައި އަތް ޖައްސާލުމުންވެސް ހޫނު އަރަމުން ދިޔަ ކަމަށާ، އާދަޔާ ހިލާފު ގަދަ ހޫނުގެ ސަބަބުން ހީޓް ސްޓްރޯކްގެ ވޭން އުފުލަމުން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.
ދޫކޮށްލާފައި ވާ ލޮރީ ފެނުނު ސެން އެންޓޯނިއޯ ސަރަހައްދަކީ، އެމެރިކާއާއި މެކްސިކޯ ހިއްސާ ކުރާ ސަރަހައްދީ އިމާ ގާތްގަނޑަކަށް 250 ކިލޯމީޓަރު ނުވަތަ 150 މޭލު ދުރުގައި އޮންނަ ސަރަހައްދަކަށް ވާ އިރު، އެއީ ގަވައިދާ ހިލާފަށް އެތެރެވާ މީހުންގެ މައި ޓްރާންސިޓެކެވެ.
ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ ހިޖުރަވެރިންނާ އެކަހެރި ހިސާބުތަކުގައި ބައްދަލު ކުރުމަށްފަހު، އިންސާނީ ވަގުފާރި ކުރާ މީހުން އާންމު ގޮތެއްގައި ލޮރީތައް ބޭނުން ކުރަނީ އެ ހިޖުރަވެރިން އުފުލުމަށެވެ.
ސެން އެންޓޯނިއޯއިން ފެނުނު ލޮރީގައި ޑްރައިވަރަކު ނެތް އިރު، ލޮރީގެ އޭސީ ނިޒާމް މަސައްކަތް ނުކުރާ ކަމަށާ، ލޮރީ ތެރޭގައި ބޯނެ ފެން ފޮދެއްވެސް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
ސެން އެންޓޯނިއޯއަކީ ހޫނު މޫސުމުގައި އިންތިހާއަށް ހޫނު ގަދަވާ ސަރަހައްދެކެވެ. ހޯމަ ދުވަހު އެ ސަރަހައްދުގެ ފިނިހޫނު މިން، 39.4 ޑިގްރީ ސެލްސިއަސްއަށް އެރި ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.
އުފާވެރި ދިރިއުޅުމެއް ހޯދަން ބޭނުންވެ، ނަމަވެސް ތަނަވަސްކަން ނެތުމާ އެނޫންވެސް އެކި ސަބަބުތަކާ ހެދި ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެ ވާން އުޅުމުގެ ތެރޭގައި، ދޭތެރެ ދޭތެރެއިން މިފަދަ ހިތާމަވެރި ހާދިސާތައް ހިނގައެވެ.