ކުރީގެ ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ވެސް 3،000 މެންބަރުން ހަމަކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި މުއައްސަސާ އިލެކްޝަންސް ކޮމިޝަނުން މި މަހުގެ 16 ގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ޕާޓީގައި އެވަގުތު ތިބީ 2،269 މެންބަރުންނެވެ. 3،000 މެންބަރުން ހަމަކުރުމަށް އެ ޕާޓީން 788 މެންބަރުން ހުށަހަޅާފައިވާ ކަމަށް، އެ ތަފާސްހިސާބުތަކުން އޭރު ދައްކާފައިވެއެވެ.

ގާނޫނު ބުނާ ގޮތުން، ޕާޓީތަކުގެ ދަފްތަރުގެ ރަޖިސްޓްރީ ކުރުމަށްޓަކައި މަދުވެގެން 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. ވުމާއެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ލިސްޓުކޮށްފައިވާ ޕާޓީތަކުގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް، މި މަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑު 10 ގެ ކުރިން ފޯމުތައް ހުށަހެޅުމުގެ ފުރުސަތު ވެސް ދީފައެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، ދިން މުއްދަތުގައި ޑީއާރުޕީން 3،000 މެންބަރުން ހަމަ ކުރުމާ ގުޅިގެން އެ ޕާޓީއަށް މިއަދު އެކަން އަންގާފައިވާ ކަމަށެވެ.

ޑީއާރުޕީގެ އިތުރުން، މެންބަރުން ހަމަނުވެގެން އޭރު އީސީން ނޯޓިސް ފޮނުވާފައިވާ ޕާޓީތަކަކީ:

  • ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)
  • ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)
  • ގާނޫނީ ވަކީލް އަބްދުﷲ ހަސީންގެ މޯލްޑިވްސް ލޭބާ އެންޑް ސޯޗަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެސްއެލްޑީޕީ)

އޭގެ ތެރެއިން، އެމްއާރުއެމާއި އެމްޓީޑީން މެންބަރުން ހަމަކުރުމާ ގުޅިގެން، އީސީން ވަނީ ދެ ޕާޓީއަށް ވެސް އެކަން ރަސްމީކޮށް އަންގައިފައެވެ.

ކުރީގެ ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޑީއާރުޕީއަކީ އެމްޑީޕީއަށް ފަހު ރާއްޖޭގައި ދެވަނަ އަށް އުފެދުނު ސިޔާސީ ޕާޓީ، އަދި ދެވަނައަށް އެންމެ ނުފޫޒު ގަދަ އެއް ޕާޓީއެވެ. ނަމަވެސް، ކުރީގެ މައުމޫން އެ ޕާޓީން ވަކިވެވަޑައިގަނެ، ޕީޕީއެމް އޭރު އުފެއްދެވި ފަހުން، ޑީއާރުޕީގައި ތިބި މެންބަރުން ވަނީ މަދުވާން ފަށައިފައެވެ.

2005 ވަނަ އަހަރު އުފެދުނު އެ ޕާޓީގައި އޭރު މައުމޫންގެ އިތުރުން، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި، މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ފަދަ ބޭފުޅުން ތިއްބެވިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވެސް އޭރު ޑީއާރުޕީގެ މެންބަރެކެވެ.

އެ ޕާޓީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.