ހައިކޯޓުގެ ފަނޑިޔާރު ކަމަށް ގާޒީ ހުޒައިފާ މުހައްމަދު އައްޔަން ކޮށްފިއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ފަރާތްތަކާ އިންޓާވިއު ކުރުމަށް ފަހު ފަނޑިޔާރުން އައްޔަން ކުރާ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް" ކަމަށް ކޮމިޝަނަށް ލަފާ އަރުވާފައި ވަނީ ހ. ސޭންޑީ ބީޗް، ހުޒައިފާ މުހައްމަދެވެ. އެ ނިންމުން ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު އެ ޖޭއެސްސީގައި ބޭއްވި އެ ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައެވެ.

ހައިކޯޓުގެ ފަނޑިޔާރު ހުޒައިފާ މުހައްމަދު

ހުޒައިފާ ވަނީ ފަނޑިޔާރު ކަމުގައި 14 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ. ހައިކޯޓުގެ ފނޑިޔަރު ކަން ހުޒައިފާއަށް ހަވަލު ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ފެމެލީ ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައެވެ.

މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އިން މާސްޓަސް އޮފް ކޯޕަރޭޓިވް ލޯ ހާސިލް ކޮށްފައިވާ ހުޒައިފާ އަލަށް ފަނޑިޔާރު ކަމަށް އައްޔަން ކުރެވިފައި ވަނީ ޖުލައި 11، 2007 ގައެވެ.