ދިވެހިރާއްޖޭގެ ކުރިއެރުމުގައި ޕްރައިވެޓް ސްކޫލުތައް މުހިއްމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު މިހެން ވިދާޅުވީ، ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ގްރެޖުއޭޝަން 2021-2022 ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަގައިއެވެ.

ނައިބު ވިދާޅުވީ، މުޖުތަމައުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި ޕްރައިވެޓް ސްކޫލުތަކާއި ޕްރައިވެޓް ޕްރީ ސްކޫލުތަކުން އަދާކުރާ ދައުރު ވަރަށް މުހިއްމު ކަމަށެވެ.

އަދި ތައުލީމީ ޖީލެއް ބިނާކުރުމުގައި އައިލެންޑާސް އެޑިޔުކޭޝަން ގުރޫޕުން މުހިއްމު ދައުރެއް އަދާކުރާ ކަމަށް ނައިބު ވިދާޅުވިއެވެ.

ނައިބު ވަނީ ގައުމު ކުރިއެރުވުމަކީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިގޮތުން ތައުލީމީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވިޔަސް ކުރިއެރުންތައް ހޯދޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުންކަން ފާހަގަކުރައްވާފައެވެ.

ތުއްތުކުދިންނަކީ އެ ކުދިންނަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް ނަކަލުކުރާ ބައެއް ކަން ފާހަގަކުރައްވާ، މުޖުތަމައުގެ ތެރޭގައި ހިނގާ ނުރަނގަޅު އަމަލުތަކުން ކުދިން ސަލާމަތްކޮށް، އެ ކުދިންނަށް ނަމޫނާ ބަޔަކަށް ވުމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމުގައި ނައިބު ވިދާޅުވިއެވެ.

މިރަސްމިއްޔާތަށް ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވަޑައިގެންނެވުމުން، އެމަނިކުފާނަށް ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.