ބިސްއަޅަން އުޅެ، ކޮންމެވެސް ސަބަބަކާ ހެދި ބިސް ނޭޅި އުޅެނިކޮށް މަރުވެފައި ވާ މާބަނޑު ކަންޒުކަހަނބެއް، ޕޮމްޕޭ ސަރަހައްދުން ފެނިއްޖެއެވެ.

ޕޮމްޕޭގެ އެކި ސަރަހައްދުތައް ދިރާސާ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އާކިއޮލޮޖިސްޓުންނަށް މި ފެނުނު ކަންޒުކަހަނބަކީ، 79އޭޑީއަށް ފަހު އަދި މިހާތަނަށް ފެނިފައި ނުވާ ކަންޒުކަހަނބެކެވެ.

މަރުވި އިރު ކަންޒުކަހަނބު ބިސް އެޅުމަށް ވަދެ އޮތީ، ވެސޫވިއަސް އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާ ހިނގުމުގެ ކުރިން ވަރުގަދަ ބިންހެލުމެއް އައިސް ސުންނާފަތި ވެފައިވާ ސަރަހައްދެއްގައި ހުރި އިމާރާތެއްގެ ތަޅުންގަނޑުގެ އަޑިއަށެވެ.

މީގެ 2000 އެއްހާ އަހަރު ކުރިން، ބިސްއެޅުމަށް ތަޅުންގަނޑު އަޑިއަށް ވަދެ އޮއްވާ މަރުވި ކަންޒުކަހަނބުގެ ދިގުމިނުގައި 14 ސެންޓިމީޓަރު ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ކަންޒުކަހަނބުގެ ބަނޑުތެރޭގައި ބިސް އޮތްކަން އެނބުނީ، ކަންޒުކަހަނބު ފެނުމާއެކު، އޭގެ މަތީ ތޮށިގަނޑު ނެގުމުންނެވެ. އޭރު އެ ކަންޒުކަހަނބުގެ ކަށިގަނޑުވެސް ރީތިކޮށް ފާޅުވާން އޮތް ކަމަށް އެ ސަރަހައްދުގައި ހުރި ޕީއެޗްޑީ ދަރިވަރު ޖޯނަސް ވަންހެލާ ވަނީ ބުނެފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަދަ ކަންޒުކަހަނބެއް ފެނުމަކީ، ޕޮމްޕޭއަށް ލިބިފައި އޮތް ގުދުރަތީ މުއްސަނދިކަން އަންގައިދޭ ކަމެއް ކަމަށެވެ.

ފާހިޝް އަމަލުތަކުގައި ހައްދު ފަހަނައަޅާދިޔަ ޕޮމްޕޭގެ އާބާދަށް ނިމުން އައި ގޮތަކީ މިއަދުވެސް ދިރިތީބިންނަށް އިބުރަތެކެވެ.

އިޓަލީގެ ގަދީމީ ރަށެއްކަމުގައިވާ ޕޮމްޕޭގެ އަހުލުވެރިންނަކީ އިހުގެ ރޯމަނުންގެ އެންމެ ވަރުގަދަ މުއްސަދިން ދިރިއުޅުނު ރަށެކެވެ. އެ މީހުންނަކީ ޖިންސީ އުފާ ހޯދުމާއި، އެއް ޖިންސުގެ ގުޅުން ހިންގުމާއި، ރާބުއިމާއި، ޖުވާ ކުޅުމާއި، އަޅުންނަށް އިހާނެތި ގޮތް ހަދައި މެރުމާއި، ދުނިޔަވީ އެންމެހާ މަޖަލުގައި ހައްދު ފަހަނަޅައިފައިތިބި ބައެކެވެ.

އެ އާބާދަށް ނިމުން އައީ، ވެސޫވިއަސް އަލިފާންފަރުބަދައިގެ ވަރުގަދަ ގޮވުމާއެކުގައެވެ. ހީވެސް ނުކުރާހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ. ފަރުބަދަތަކުން ފައިބަމުންދިޔަ ވިހަ ގޭހާއި އަޅިތައް ރަށުތެރެއަށް ފައިބައި ރަށުތެރޭގައި ވައި ބަންދުވިއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންތިބި ގޮތަށް އެހަރަކާތުގައި ތިބެ ފަނާވެދިޔައީއެވެ. ހަށިތައް މިއަދާ ހަމައަށް ވެސް ފެންނަންހުރީ އެމީހުންގެ އެންމެ ފަހު ސިކުންތުގެ ހަރަކާތުގައިވާތީއެވެ.