މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމައްޓަކައި މި ސަރުކާރުން ބިން ދޫކުރުމަށާއި ފްލެޓް ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި 7 މީހުންނަށް ވުރެ ގިނަ މީހުން އެކުގައި އެއް ފޯމެއް ހުށަހަޅައި 4000 އަކަފޫޓުގެ ބިމެއް ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށް ސަރުކާރުން ބުނެފިއެވެ.

މިގޮތަށް ބުނެފައި ވަނީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލައި އާންމުކުރި އުސޫލުގައެވެ. އެ އުސޫލުގައި ބުނާގޮތުގައި، ފޯން ހުށަހަޅާ އިރު އެކަކަށް ވުރެ ގިނަ މީހުން އެކުވެގެން ފޯމު ހުށަހެޅިދާނެއެވެ. އެ ގޮތުން އެންމެ ގިނަ ވެގެން ޖޮއިން ފޯމް ހުށަހެޅޭނީ 7 މީހުންނަށް ކަމަށް އެ އުސޫލުގައި ބުނެއެވެ. އަދި މިއީ ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިސްކަން ދޭ ތަރުތީބަށް ބަލާއިރު އެންމެ އިސްކަންދޭ ދެ ބައިގެ ޝަރުތެއް ކަމަށް އެ އުސޫލުގައި ބުނެއެވެ.

އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. އެގޮތުން 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމްލަ 4000 އަކަފޫޓުގެ ބިމެއް ކަމަށް އެ އުސޫލުގައި ބުނެއެވެ.

ބިމަށް އެދޭއިރު ލިބޭ ބިމުގެ ސައިޒް:

  • އެކަކު ހުށަހަޅާ ފޯމަށް: 1250 އަކަފޫޓް
  • ދެ މީހަކު އެކުވެގެން ހުށަހަޅާ ފޯމަށް: 1650 އަކަފޫޓް
  • ތިން މީހަކު އެކުވެގެން ހުށަހަޅާ ފޯމަށް: 2050 އަކަފޫޓް
  • ހަތަރު މީހަކު އެކުވެގެން ހުށަހަޅާ ފޯމަށް: 2450 އަކަފޫޓް
  • ފަސް މީހަކު އެކުވެގެން ހުށަހަޅާ ފޯމަށް: 2850 އަކަފޫޓް
  • ހަ މީހަކު އެކުވެގެން ހުށަހަޅާ ފޯމަށް: 3250 އަކަފޫޓް
  • ހަތް މީހަކު އެކުވެގެން ހުށަހަޅާ ފޯމަށް: 3650 އަކަފޫޓް
  • ހަތް މީހުންނަށް ވުރެ ގިނަ މީހުން އެކުވެގެން ހުށަހަޅާ ފޯމަށް: 4000 އަކަފޫޓް

ޖޮއިންޓް އެޕްލިކޭޝަނުގައި މައި އެޕްލިކަންޓާއެކު ކޯ-އެޕްލިކަންޓުންގެ ގޮތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ކިބައިގައި، ގޯއްޗަށް އެދި ހުށަހެޅުމަށް ފުރިހަމަ ވާން ޖެހޭ ޝަރުތުތަށް ފުރިހަމަ ވާން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ. ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވެ ކުރެވޭ މީހުންގެ އިތުރު ޝަރުތުތަކަށް ބަލާއިރު އެ ޝަރުތުތަކަކީ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓަރީވެފައި އޮންނަ ގޯތީގެ ބެލެނިވެރިން، މަންމަ، ބައްޕަ، ދެމަފިރިން، ދަރިން، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހުންނަށް ވުމެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ޖުމްލަ 6 ކެޓަގަރީއެއް ހިމަނާފައި ވެއެވެ. އެއީ:

  • ސީ-1: ތިމާގެ ނަމުގައި މާލެ ސަރަޙައްދުން އެއްވެސް ވަރެއްގެ ބިމެއް ނެތް އަދި ވާރުތައިން ވެސް މާލެ ސަރަޙައްދުން އެއްވެސް ވަރެއްގެ ބިމެއް ލިބެން ނެތް ފަރާތްތައް.
  • ސީ-2 ތިމާގެ ނަމުގައި މާލެ ސަރަޙައްދުގައި އެއްވެސް ވަރެއްގެ ބިމެއް ނެތް ނަމަވެސް، މާލެ ސަރަޙައްދުން ވާރުތައިން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބެން އޮންނަ ފަރާތްތައް.
  • ސީ-3: ތިމާގެ ނަމުގައި މާލެ ސަރަޙައްދުގައި އެއްވެސް ވަރެއްގެ ބިމެއް ނެތް ނަމަވެސް، މާލެ ސަރަޙައްދުން ވާރުތައިން 600 އަކަފޫޓާއި 1000 އަކަފޫޓާ ދެމެދުގެ ބިމެއް ލިބެން އޮންނަ ފަރާތްތައް.
  • ސީ-4: ތިމާގެ ނަމުގައި މާލެ ސަރަޙައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތް، މާލެ ސަރަޙައްދުން ވާރުތައިން އެއްވެސް ވަރެއްގެ ބިމެއް ލިބެން ނެތް ފަރާތްތައް.
  • ސީ-5: ތިމާގެ ނަމުގައި މާލެ ސަރަޙައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ އަދި މާލެ ސަރަޙައްދުން ވާރުތައިން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބެން އޮންނަ ފަރާތްތައް.
  • ސީ-6: ތިމާގެ ނަމުގައި މާލެ ސަރަޙައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ އަދި މާލެ ސަރަޙައްދުން ވާރުތައިން 600 އަކަފޫޓާއި 1000 އަކަފޫޓާ ދެމެދުގެ ބިމެއް ލިބެން އޮންނަ ފަރާތްތައް.

އަދި މި ކެޓަގަރީތަކަށް ބަލާއިރު ގޯތި ދިނުމުގައި އިސްކަންދޭ ތަރުތީބެއް އެ އުސޫލުގައި ވަނީ ބުނެފައެވެ. އެއީ ފޯމް ހުށަހަޅާއިރު މުޅި އާއިލާ، ނުވަތަ ގޯތީގެ ހުރިހާ ބެލެނިވެރިން އެކުގައި ފޯމު ހުށަހެޅުމެވެ. މިއީ އެންމެ އިސްކަން ދޭނެ ފޯމުތައް ކަން ކަށަވަރު ކުރާ ޝަރުތެވެ. ދެވަނަ އަށް އެންމެ އިސްކަން ދޭ ބައިގައި ހިމެނޭ ޝަރުތަކީ އާއިލާ މެންބަރުންގެ ތެރެއިން 1 އަށް ވުރެ ގިނަ ނުވަތަ ގޯތީގެ ބެލެނިވެރިންގެ ތެރެއިން 1 އަށް ވުރެ ގިނަ މީހުން ހުށަހަޅާ ފޯމެވެ. އަދި ތިން ވަނަ އަށް އިސްކަންދޭ ތަރުތީބުގައި ހިމެނޭ ޝަރުތަކީ އެމީހަކު އެކަނި އެހެން މީހަކާ ޖޮއިންޓް ނުވެ ހުށަހަޅާ ފޯމެވެ.

އިއްޔެއިން ފެށިގެން މާލެ ސަރަހައްދުން ބިމަށާއި ފްލެޓަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ އިރު، ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުން ގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަލާއިރު، މާލޭގެ ރައްޔިތެއް ކަމުގައިވުމާއި، 18 އަހަރު ފުރިފައިވާ މީހެއްކަމުގައި ވުމާއި، މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުމާއި، 600 އަކަފޫޓަށް ވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާ ނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުމާއި، ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުމާއި، އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައި ނުވުން ހިމެނެއެވެ.