ދީނާ ހިލާފު ކަމެއް ނުހިންގާނެ ކަމަށާއި ޔޯގާ ޑޭ ފާހަގަނުކުރަން އިސްލާމިކް މިނިސްޓްރީއިން އަދި އެ ނޫނަސް އެއްވެސް ދައުލަތުގެ އިދާރާއަކުން އަންގައިފާ ނުވާ ކަމަށް ޔޫތު މިނިސްޓަރީއިން ބުނެފިއެވެ.

މިނިސްޓްރީން އެފަދައިން ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް އެދި މި މަހުގެ 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއާ އާންމުވެފައިވަނިކޮށެވެ.

އިސްލާމިކް މިނިސްޓްރީއިން އެ ޔޯގާ ހަރަކާތް ބޭއްވުމުގެ 6 ދުވަސް ކުރިން ސީޕީއަށް ފޮނުވި ސިޓީގައި ވަނީ ޔޯގާ އަކީ އަޅުކަމެއްގެ ގޮތުގައި ހިމެނޭ ކަމެއް ކަމަށާއި އެއީ ހިންދޫންގެ ދީނީ ސަގާފަތާ ގުޅޭގޮތުން ނަންދީ އިރަށް އަޅުކަން ކޮށް މިއުޒިކް ވެސް ހިމެނޭ ހަރަކާތެއް ކަމަށެވެ. އަދި އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް ވާތީވެ، ޔޯގާގެ ހަރަކާތް ހިންގާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.

އެކަމާ ގުޅިގެން ޔޫތު މިނިސްޓްރީއިން ބުނީ އެހެން އަހަރުތަކަކޭ އެއްގޮތަށް މި އަހަރުވެސް އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން އާއި މިނިސްޓްރީއިން ގުޅިގެން ކަމަށާއި އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ދުވަސް ފާހަގަކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށެވެ.

އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަ ނުކުރުމަށް އިސްލާމިކް މިނިސްޓްރީ އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށާއި އިސްލާމް ދީނާއި ހިލާފު ކަމެއް ޔޫތު މިނިސްޓްރީން ނުކުރާނެ ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީގެ އިތުރަށް ބުނީ ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަންތައްތަކެއްކަމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެފަދަ މައްސަލަތަކާއި ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކުން ސާފުކޮށް ރައުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

އިންޑިއާގެ ހައި ކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން ގަލޮޅު ދަނޑުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ޔޯގާގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތް ކުރިއަށް ދިޔަ ވަގުތު ބަޔަކު އަރައިގަނެ ހަމަނުޖެހުން ހިންގާފައިވާއިރު، އެ މައްސަލައިގައި 19 މީހަކު ހައްޔަރުކޮށްފައިވެއެވެ.