މާލޭ ރައްޔިތުންނަށް ދޫކުރާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަން އިއުލާނު ކުރެއްވީ "ބިންވެރިޔާ-ގެދޮރުވެރިޔާ" ގެ ނަމުގައި ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއެވެ.

ގޯއްޗާއި ފްލެޓަށް ވެސް ކުރިމަތިލެވޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. މި ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

  • މާލޭގެ ރައްޔިތެއްކަމުގައިވުން
  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
  • މާލޭ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން
  • 600 އަކަފޫޓަށްވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން
  • އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުން
  • ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެންއޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
  • އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައިނުވުން

ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

  • މާލޭގެ ރައްޔިތެއް ކަމުގައިވުން
  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
  • މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން
  • އެއްވެސް މަޝްރޫޢަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްނުވުން
  • މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް/ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުން
  • ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައިނުވުން* މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާވުރެ ބޮޑުނުވުން

އަސްލަމް ވިދާޅުވީ، މާލޭ ރައްޔިތުންނަށް 3000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ ފޭސް ދެއަކުންނާއި ގުޅީފަޅުން ކަމަށެވެ.

މާލެ ސަރަހައްދުން 5000 ގޯތި ދޫކުރަން ސަރުކާރުން ނިންމައިފައި ވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.