ކަރަންޓުގެ މަސައްކަތްތަކެއް މިއަދު މެންދުރުފަހު ކުރިއަށް ދާނެ ކަމަށާއި، ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެ ކަމަށް، ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ޓްރާންސްފޯމާ އަޕްގްރޭޑިންގެ މަސައްކަތަކަށް މިއަދު މެންދުރުފަހު 1:00 އިން 3:45 އާ ދޭތެރޭ މާލޭގެ ބައެއް ހިސާބުތަކުން 45 މިނެޓަށް ކަރަންޓު ކެނޑޭނެ ކަމަށް، އެ ކުންފުނިން ބުންޏެވެ.

އެ ހިސާބުތަކަކީ މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔަމަގު، ހަނދުވަރީ ހިނގުން، ޝަހީދު އަލީ ހިންގުމާއި، ފުލޫނިޔާ މަގުގެ އިތުރުން ހަވީރީ ހިނގުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެހެންކަމުން، އާންމުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް، ސްޓެލްކޯ އިން ބުންޏެވެ.

މިމަހު 24 ވަނަ ދުވަހު ވެސް ސްޓެލްކޯއިން ވަނީ ހެނދުނު 6:30 އާއި 7:30 އާ ދޭތެރޭ މަސައްކަތްތައް ކުރުމަށް، މާލޭގެ ބައެއް ހިސާބުތަކުން 10 މިނެޓަށް ކަރަންޓު ކަނޑާލާފައެވެ.

މީގެ އެއް މަސް ކުރިން މާލޭގައި ކަރަންޓު ދޭ މައި ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން، މޭ 24 ގެ ފަތިހު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނެވެ. އެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސް، އަލުން ކަރަންޓު ދޭން ފަށާފައިވަނީ ހެނދުނު 9:10 ގެ ފަހުންނެވެ.

ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި، އެފަދަ މަސައްކަތް ކުރުމަށް ދޭތެރެ ދޭތެރެއިން ސްޓެލްކޯ އިން ކަރަންޓު ކަނޑައެވެ. އަދި އާންމުންނާ އެފަދަ މައުލޫމާތު ހިއްސާކުރެއެވެ.