ހައްޖުވެރިން ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމައިފިއެވެ.
ފުލުހުން ބުނީ ހައްޖުވެރިން ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް ކަމަށްވާ ޖޫން 26، 29 އަދި ޖުލައި 2 ވަނަ ދުވަހުގެ ރޭ 7:00 އިން 8:00 އަށް މަޖީދީމަގާއި އަމީނީ މަގު އަދި އޯކިޑްމަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން ގެނައި ބަދަލާއެކު އެވަގުތުގައި މަޖީދީ މަގުން އަދި އަމީނީ މަގުގެ ވަކި ހިސާބަކަށް ދުއްވޭނީ އެއްކޮޅަށެވެ. އެއީ ހުޅަނގުން އިރަށެވެ.
ރާއްޖެއަށް މިއަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
ނަމަވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެ 100 ކޯޓާއަށް ކުރިމަތިލުމާ ގުޅިގެން ހައްޖު ކޯޕަރޭޝަނުން ނިންމާފައި ވަނީ 100 ކޯޓާ ގުރުއަތުން ބަހާލުމަށެވެ.
ހައްޖު ކޯޕަރޭޝަނުން އާންމުކުރި އުސޫލުގައިވާ ގޮތުން، މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އިސްކަން ދެވޭނީ އަލަށްވެސް ހައްޖަށް ނުދާ، ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ވާ، އަދި 65 އަހަރުން ދަށުގެ ފަރާތްތަކަށް އެކަންޏެވެ.
މީލާދީ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ ނުވަވަނަ ދުވަހެވެ.