ޕްލާންޓް ކުޑަވެ، ފެން ފޯރުކޮށްދިނުމުގައި ދިމާވި މައްސަލަތައް ހައްލުކުރުމަށް 65 ޓަނުގެ އާރްއޯ ޕްލާންޓެއް ސްޓެލްކޯއިން ކ. ގުޅިއަށް ގެންގޮސްފިއެވެ.
ސަރުކާރުން ގުޅީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާ، ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފާ ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ސްޓެލްކޯއިން ބުނީ އެރަށުގައި ބެހެއްޓިފައިވާ 40 ޓަނުގެ 2 އާރުއޯ ޕްލާންޓުން ރަށަށް ބޭނުންވާ ވަރަށް ފެން އުފައްދާ ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވަމުންދާ ކަމަށާއި އެ ހިދުމަތް އެންމެ ފުރިހަމަގޮތުގައި ފޯރުވައިދިނުމަށް 65 ޓަނުގެ އާރްއޯ ޕްލާންޓެއްގުޅިއަށް ގެންގޮސްފައިވާ ކަމަށެވެ.
ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އާ ޕްލާންޓް ކޮމިޝަންކޮށް ބޭނުން ކުރަން ފެށޭނެ ކަމަށާއި އެއާއެކު ގުޅީގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ފުރިހަމަ ހިދުމަތެއް ދެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ގުޅީގައި ފޯރުކޮށްދެމުން ދާ ޔުޓިލިޓީ ހިދުމަތްތަކުގެ ތެރެއިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން ފޯރުކޮށްދެމުން އަންނައިރު އެ ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށަން ވަނީ ނިންމާފައެވެ.
ގުޅީގައި ސްޓެލްކޯ އިން ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ހިދުމަތް ދެމުން ދާއިރު ފެނުގެ ހިދުމަތް ދިނުމަށްޓަކައި 40 ޓަނުގެ 2 އާރުއޯ ޕްލާންޓާއި ވާރޭފެން ޓްރީޓްމަންޓް 1 ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާންގީ ވަނީ ބަހައްޓާފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިގަނެވޭ އިރު ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ހިދުމަތް ހޯދުމަށް 175 ފަރާތަކުން ރަޖިސްޓްރީކޮށްފައި ވާ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.