އިންޑިއާގެ ގުޖުރާތު ސްޓޭޓްގައި 2002 ވަނަ ހިނގާދިޔަ ހަމަނުޖެހުންތަކުގައި އެ ގައުމުގެ އަދުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އެހެން ބަޔަކާ ގުޅިވަޑައިގެން ޣައިރު ގާނޫނީ އަމަލުތަކެއް ހިންގަވާފައި ވާ ކަމަށް ބުނާ މައްސަލާގައި މޯދީގެ ކުށެއް ނެތް ކަމަށް ކޮށްފައި ވާ ހުކުމް، އެ ގައުމުގެ ސުޕްރީމް ކޯޓުން ދަމަހައްޓާ، މޯދީގެ ނަން ސާފު ކޮށްފިއެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން އެކުލަވާލި ޕެނަލަކުން ބެލި އެ މައްސަލާގައި މޯދީގެ ނަން ސާފު ކަމަށް ކުރި ހުކުމާ ދެކޮޅަށް 2013 ވަނަ އަހަރު، ގުޖުރާތުގެ ކޯޓަކަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ވަނީ ބޭރު ކޮށްލާފައެވެ.
މޯދީގެ ނަން ސާފު ކުރި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގުޖުރާތު ހަމަނުޖެހުންތަކުގައި އަވަހާރަކޮށްލާފައި އިންޑިއާގެ ކުރީގެ މަޖިލީސް މެންބަރު އިހްސާން ޖަފްރީގެ ހުވަފަތް އަނބިކަނބަލުން، ޒާކިއާ ޖަފްރީއެވެ.
2002 ވަނަ އަހަރުގެ ހަމަނުޖެހުންތަކަކީ އިންޑިއާގައި ދީނީ ދެބަސްވުންތަކާ ގުޅިގެން ހިންގި އެންމެ ވަރުގަދަ ހަމަނުޖެހުންތަކުގެ ތެރޭގައި ހިމެނޭ ހަމަނުޖެހުންތަކެކެވެ.
ހިންދޫންގެ ބަޔަކު ގޮވައިގެން ދަތުރު ކުރަމުންދިޔަ ރޭލުގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ހިންދޫންގެ 60 މީހަކު މަރުވި ހާދިސާއަށް ފަހު، ހަމަނުޖެހުންތަކުގައި 1000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިދިޔައިރު، އޭގެ ތެރޭގައި ގިނައީ މުސްލިމުން ކަން ފާހަގަ ކުރަން ޖެހެއެވެ.
އިންޑިއާގެ ސުޕްރީމް ކޯޓަށް، ޒާކިއާ އެ މައްސަލަ ވެއްދެވީ، ވަރުގަދަ ތުހުމަތުތަކަކާއެކު ތަހުގީގު އަލުން ކުރިއަށް ގެންދިއުމަށް ޑިމާންޑް ކުރައްވަމުންނެވެ. އެގޮތުން އޭރު ތަހުގީގުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންނަކީ، އެ ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބި މީހުންގެ ހިމާޔަތުގައި ހަރަކާތްތެރިވި ބައެއް ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
ޒާކިއާއާއި ތަހުގީގު ޓީމުގެ އިތުރުން އެހެންވެސް ބައެއް ފަރާތްތަކުގެ ބަޔާންތައް، ސުޕްރީމް ކޯޓުން އަޑޫ ޖަހާ ނިންމާލީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އަދި މިއަދު އިއްވި ހުކުމުގައި، 2013 ވަނަ އަހަރުގެ ހުކުން ނަގަހައްޓާ، މޯދީގެ ނަން ސާފު ކުރިއެވެ.
ޒާކިއާގެ މައްސަލަ ކޯޓުން ބޭރު ކޮށްފައި ވަނީ އެއީ އެއްވެސް ބުރަދަނެއް ނެތް ދައުވާއެއް ކަމުގައި ކަނޑައެޅުމަށް ފަހުގައެވެ.
އިހްސާން ޖަފްރީއަކީ އަހުމަދުއާބާދު ސީޓީގައި އާންމުން ވަޒަންވެރިވެގެން ދިރިއުޅެމުން ދިޔަ ގުލްބާގް ސޮސައިޓީގައި ހިންގި ހަމަނުޖެހުންތަކުގައި މަރާލި 68 މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، މުސްލިމު، ސިޔާސީ ޝަހްސެކެވެ.
އޭރު ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވީ އަދުގެ ބޮޑުވަޒީރު މޯދީއެވެ. އަދި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދިޔަ ހަމަނުޖެހުންތައް ހުއްޓުވުމަށް، އެކަށީގެންވާ ގޮތެއްގައި މޯދީ މަސައްކަތް ކުރައްވާފައި ނުވާ ކަމުގެ ތުހުމަތުގެ އަޑު ގަދަވިއެވެ. ނަމަވެސް އެ ތުހުމަތުތަކަށް މޯދީ އަބަދުވެސް އިންކާރު ކުރައްވައެވެ.
ހަމަނުޖެހުންތަކުގެ މައްސަލަ އެންމެ ފުރަތަމަ ބެލީ ގުޖުރާތުގެ ފުލުހުންނެވެ. އެއަށްފަހު އިންޑިއާގެ ސުޕްރީމް ކޯޓުން 2008 ވަނަ އަހަރު އެކުލަވާލި ހާއްސަ ތަހުގީގު ޓީމަކުންނެވެ.
2012 ވަނަ އަހަރު ތަހުގީގު ޓީމުން ހުށަހެޅި ރިޕޯޓްގައި ބުނެފައި ވަނީ، އެ ހަމަނުޖެހުންތަކާ މޯދީއާ ގުޅުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ. އަދި އެ ހަމަނުޖެހުންތަކާ ގުޅޭ އިތުރު 63 މީހެއްގެ މައްޗަށްވެސް ހެކި ނެތް ކަމަށް ތަހުގީގު ޓީމުން ކަނޑައެޅިއެވެ. އޭގެ ތެރޭގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންވެސް ހިމެނިވަޑައިގަންނަވައެވެ.
ރިޕޯޓުގައި ބުނެފައިވަނީ އޮފިޝަލުންނާ ދެކޮޅަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ.
ޒާކިއާ ޖަފްރީ ވަނީ، އިންޑިއާގެ ސަރުކާރުގެ އެކި ރޭންކުތަކުން ފިޔަވަޅު އަޅާފައި ނުވާ މައްސަލައާ، ހަމަނުޖެހުން އުފެއްދުމަށް ވަކި ބަޔަކާ ގުޅިގެން ފުލުހުން ޣައިރު ގާނޫނީ އަމަލު ހިންގި މައްސަލައިގެ ފުރިހަމަ ތަހުގީގަކަށް ގޮވާލައްވާފައެވެ.
ގިނަ އަދަދެއްގެ މުސްލިމުންގެ ފުރާނަ ގެއްލިދިޔަ "ގުޖުރާތު ހަމަނުޖެހުންތަކުގައި" މޯދީގެ ކުށެއް ނެތް ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާފައި ވާ މި ދަނޑިވަޅަކީ، މުސްލިމުންނާ ދެކޮޅަށް އިންޑިއާގެ ސަރުކާރުން ލާއިންސާނީ އެތައް ޖަރީމާއެއް ހިންގަމުންދާ ދަނޑިވަޅެކެވެ.
2014 ވަނަ އަހަރު، އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ލަގަން، ނަރޭންދްރާ މޯދީގެ މުށުތެރެއަށް ހެޔޮވަރު ކޮށްލުމާއެކުހެން، މުސްލިމުންނަށް އެ ގައުމުގައި ކުރާ ފުރައްސާރަ ވަނީ ވަކިން ބޮޑަށް އިތުރުވެފައެވެ. އިންޑިއާގެ ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ 2 މެންބަރަކު، ކީރިތި ރަސޫލާ މުޙައްމަދު صَلَّى اللّٰهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަކޮށް ދާދި ފަހުން ދެއްކި ވާހަކަތަކާ ގުޅިގެން އިސްލާމީ މުޖުތަމައުގައި މި ދުވަސްވަރު، އިންޑިއާގެ ހިންދޫ ސަރުކާރާ ދެކޮޅުވެރިކަމުގެ ރޫހު ވަނީ ގަދަވެފައެވެ.