ރުވާންޑާގެ ރައީސް ޕޯލް ކަގާމޭ އާއި އަނބިކަނބަލުން ޖެނެޓް ކަގާމޭ ދެއްވި ރަސްމީ ޖާފަތުގައި ރައީސް އިބްރާހިމް މުހައްމަދާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެ ޖާފަތަކީ ރުވާންޑާއަށް ވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި ރުވާންޑާގެ ރައީސް ޕޯލް ކަގާމޭ އާއި އަނބިކަނބަލުން ޖެނެޓް ކަގާމޭ ދެއްވި ރަސްމީ ޖާފަތެއް ކަމަށެވެ. އަދި ރަސްމީގޮތުން މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތާއި ރަސްމީ ޖާފަތް ބޭއްވެވީ ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ.

ރުވާންޑާގެ ކިގާލީގައި މި ޖޫން މަހުގެ 20 ވަނަ ދުވަހުން 25 ވަނަ ދުވަހަށް ކުރިއަށްދާ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ފުރައިވަޑައިގަތީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ރައީސް އޮފީހުން މީގެކުރިން ބުނީ ރައީސްގެ މި ދަތުރުފުޅަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ހެޔޮވެރިކަމާއި ގައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި ދުނިޔޭގެ ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައާއެކު ހާއްސަކޮށް ކޮމަންވެލްތުގެ މެންބަރު ގައުމުތަކާއެކު ރާއްޖެއިން މަސައްކަތް ކުރުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ.