ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ގާޒީ ހުޒައިފާ މުހައްމަދު އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީންއިން ބުނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް" ކަމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ހ.ސޭންޑީ ބީޗް، ހުޒައިފާ މުހައްމަދު ކަމަށެވެ.

ޖޭއެސްސީއިން ބުނީ އެ ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައި ކަމަށާއި ހުޒައިފާ ވަނީ ފަނޑިޔާރުކަމުގައި 14 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.

ހުޒައިފާ މިހާރު ހުންނެވީ ފެމެލީ ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައެވެ. އަދި ޖޭއެސްސީއިން ބުނީ ހުޒައިފާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ ޖޫން 27 ގައެވެ.

މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީއިން މާސްޓަސް އޮފް ކޯޕަރޭޓިވް ލޯ ހާސިލްކޮށްފައިވާ ހުޒައިފާ އަލަށް ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވަނީ ޖުލައި 11، 2007 ގައެވެ.