ކޮހެއްގެ އަތުން މަރުވެއްޖެ ނަމަ ވާނީ ޝަހީދަކަށް ކަމަށާއި ބިރުދައްކައިގެން އެއްވެސް ކަމެއް ހާސިލް ނުވާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިފަދައިން ވިދާޅުވީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައި މިނިސްޓަރު މަހްލޫފަށް އިންޒާރު ދީ މީހަކު ފޮނުވާފައިވާ މެސެޖުތަކެއް އާންމު ކުރައްވަމުންނެވެ.

އެ މެސެޖުތަކުގައި މަހުލޫފަށާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރު ވެސް ދީފައި ވާއިރު "އަތު ޖެހުނު ނަމަ ނޮޅާލީމުސް" ކަމަށާއި ޖަމިއްޔާއަކާ ދޭތެރޭ ފިޔަވަޅު އެޅިޔަސް މުޅި އާއިލާގެ ދުވަސް ދުއްވާލާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެއީ ކޮން ޖަމްއިއްޔާއެއް ކަމެއް އެ މެސެޖުތަކުގައި ބުނެފައެއް ނުވެއެވެ.

"މިއަދުވެސް ކަލޭ ދުވެ ފިލީ. އަހަރުން މިތިބީ ބަލަން. އަހަރުމެންގެ އަހަކަށް ނުވަތަ ޖަމިއްޔާ އަކަށް ފިޔަވަޅު އަޅާލިޔަސް ކަލެއާއި ކަލޭގެ އާއިލާގެ ޒަމާން ދުއްވާލާނަން. އަބަދު މިނިސްޓަރު ކަމުގައި ނުހުރެވޭނެ،"
މަހްލޫފް ކުރީގެ ނަންބަރަށް މީހަކު ފޮނުވާފައިވާ މެސެޖެއް

އެކަމާ ގުޅިގެން މަހުލޫފު ވިދާޅުވީ އެކަހަލަ ކޮހެއްގެ އަތުން މަރުވެއްޖެ ނަމަ އޭނާ ޔަގީނުން ވެސް ވާނީ ޝަހީދަކަށް ކަމަށާއި މިނިސްޓަރު ކަމަކީ ގަދަފަދަ ކަމެއް ކަމަށް ހީވިއަސް އޭނާއަށް މަގާމު "އެއްވެސް ވަރަކަށް" މުހިއްމު ނުވާ ކަމަށެވެ.

މީގެއިތުރުން ބިރު ދައްކައިން އެއްވެސް ނަތީޖާއެއް ހާސިލެއް ނުވާނެ ކަމަށާއި މެސެޖު ކޮށްފައި ވަނީ އޭނާގެ ކުރީގެ ނަންބަރަށް ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރެއިން 6 މީހެއްގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. އަދި ރޭ ހައްޔަރުކުރި މީހުގެ ތެރޭގައި ދެ ޝައިހެއްގެ އިތުރުން ޕީޕީއެމްގެ ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލާއި އެ ޕާޓީގެ މެންބަރެއް ކަމަށްވާ އިބްރާހިމް ރައްޒާން ހިމެނެއެވެ.