ޝައިހު ފަޒްލޫން ބިން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ސަސްޕެންޑްކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނިޝާނާއި ފަޒްލޫނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ ގަލޮޅު ދަނޑުގައި އިއްޔެ އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި އެއްވުމަށް ހިތްވަރު ދީފައިވާތީ އާއި އެ ދެ ފަރާތުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާކަން ފުލުހުން އަންގާފައިވާތީ ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ނިޝާނާއި ފަޒްލޫން ހައްޔަރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަދި ނިޝާން ހައްޔަރުކޮށްފައިވަނީ 7 އަހަރުގެ ދަރިފުޅު ގޮވައިގެން ނަމާދަށް ދިޔަމަގުމަތީގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިއްޔެ ހިންގި ހަމަނުޖެހުމާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 6 މީހެއްގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. އަދި މިރޭ ހައްޔަރުކުރި މީހުގެ ތެރޭގައި އެ ދެ ޝައިހުންގެ އިތުރުން ޕީޕީއެމްގެ ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއިލާއި އެ ޕާޓީގެ މެންބަރެއް ކަމަށްވާ އިބްރާހިމް ރައްޒާންއެވެ.