ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރުވާންޑާއަށް ރޭ ފުރާވަޑައިގެންފިއެވެ.

އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސްގެ މި ދަތުރުފުޅަކީ ރުވާންޑާގެ ކިގާލީގައި މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ފެބުރުވަރީ 1، 2020 ގައި ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނު ފަހުން ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ހެޔޮވެރިކަމާއި ގައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި ދުނިޔޭގެ ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައާއެކު ހާއްސަކޮށް ކޮމަންވެލްތުގެ މެންބަރު ގައުމުތަކާއެކު ރާއްޖެއިން މަސައްކަތް ކުރުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ މި ބައްދަލުވުމުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާއެކު ބާއްވަވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި ބައިނަލްއަގްވާމީ މައްސަލަތައް ހައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.