އިއްޔެ ނޫން އިހަށް ދުވަހު ހެނދުނު އިންޑިއާ ހައިކޮމިޝަނާއި ޔޫތް މިނިސްޓްރީން ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ތިއްބާ، ދިވެހި ޒުވާނުންގެ ބަޔަކު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުން ކުށްވެރިކުރާ ކަމަށާއި އެކަން ހިންގަން ފުރުސަތު ލިބުނީ ސަލާމަތީ ކަންތައްތައް ދޯހަޅިވުމުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ގަލޮޅު ދަނޑުގައި ސަރުކާރުން ހިންގި ހަރަކާތާ ގުޅިގެން އިހްތިޖާޖުކޮށް އަޑު އުފުލި ފަރާތްތަކުގެ ތެރެއިން ބަޔަކަށް ހަމަނުޖެހުން ހިންގަން ފުރުސަތު ލިބި އެހަރަކާތުގައި ބައިވެރިވި ބައެއް ޑިޕްލޮމެޓުންނާއި ސަރުކާރުގެ ވެރިން ނުރައްކަލަށް ހުށައެޅިގެން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ހަމަނުޖެހުން ހިނގަން ފުރުސަތު ލިބިގެން ދިޔައީ ސަލާމަތީ ކަންތައްތައް ދޯހަޅިވުމުންކަން ފާހަގަކުރައްވާ ސިޓީ ކައުންސިލުން ބުނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި މިއަށްވުރެ ހަރުދަނާ އުސޫލުތަކެއް ގާއިމްވެފައި އޮތުން މުހިއްމު ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ މި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި އަދި ގަލޮޅު ދަނޑުގައި ހިނގައިދިޔަ ފަދަ ހަމަނުޖެމެއް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލާފައެވެ.

ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރެއިން 6 މީހެއްގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ ޖަހާފައެވެ. އަދި އަނެއް 4 މީހުން ހައްޔަރުކުރީ ރެއެވެ.