ނެޝަނަލް ހެލްތު ލެބޯޓްރީ އާއި އަތޮޅުތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމް ކުރުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އާއެކު 18.4 މިލިއަން ޔޫރޯގެ ކޮންސެޝަނަލް ލޯނުގެ އެއްބަސްވުމުގައި، ފިނޭންސް މިނިސްޓްރީން މިއަދު ސޮއި ކޮށްފިއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާއިރު، 300,092,408 ރުފިޔާއެވެ.

މި ލޯނަށް ގެރެންޓީ ދީފައި ވަނީ ޔޫރަޕިއަން ޔޫނިއަންގެ ޔޫރަޕިއަން ފަންޑް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ޕްލަސް (އީއެފްއެސްޑީ+) އިންސްޓްރޫމަންޓުންނެވެ. ޔޫރަޕިއަން ޑިވެލޮޕްމަންޓް ޑޭސްގެ މުނާސަބަތުގައި ބްރަސަލްސްގައި މިއަދު އީއައިބީ އާއި ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ލޯނުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

އީއައިބީން ބުނީ، މި ފައިނޭންސިންގެ ސަބަބުން ރާއްޖޭގެ ގައުމީ ސިއްހީ ހިދުމަތުގެ ނިޒާމު ލާމަރުކަޒީކޮށް، ޕެންޑެމިކްތައް ކޮންޓްރޯލް ކުރުމަށް ލޯކަލް ހޮސްޕިޓަލްތަކުން ކުރަމުންދާ މަސައްކަތްތަކަށް މަގުފަހިވެ، ގައިން ގަޔަށް އަރާ ބަލިތައް ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން، ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ވޯޑުތައް ހިމެނޭ ސަރަހައްދީ އަތޮޅު ހޮސްޕިޓަލްތަކުގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރަށް މަގުފަހިވެގެންދާނެ ކަމަށް އީއައިބީން ބުނެއެވެ.

އީއައިބީން ބުނީ، މި އެއްބަސްވުމުގެ ދަށުން އަލަށް ގާއިމުކުރަން ހަމަޖެހިފައިވާ ގައުމީ ލެބޯޓްރީ ނިޒާމުގެ ސަބަބުން ކޮވިޑް-19އާއި މުސްތަގްބަލުގައި ކުރިމަތިވެދާނެ ބަލިމަޑުކަމާ ގުޅިގެން ގައުމުގެ ކެރިފޯރުންތެރިކަން ރަނގަޅުވެ، ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށާއި، ކޮންޓްރޯލް ކުރުމަށާއި، މޮނިޓާކުރުމަށް މުހިންމު އެނަލިޓިކަލް ފަންކްޝަންތައް ލިބިގެން ދާނެ ކަމަށެވެ. އަދި ކާބޯތަކެއްޗާއި ފާމަސޫޓިކަލް ސޭފްޓީ ވެސް އިތުރު ވެގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ދަތި ދަނޑިވަޅުގައި އީއައިބީން ވެދިން އަވަސް އެހީތެރިކަމަށް ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން ފުރިހަމައަށް ތައުރީފު ކުރާ ކަމަށެވެ. މިކަމުން ދައްކުވައި ދެނީ 2006 ވަނަ އަހަރު އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއަށް ފަހު އީއައިބީން ދިން އެއްބާރުލުން ވެސް ދައްކުވައިދޭ ފަދައިން ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖޭގެ ރައްޔިތުންނާ ދެމެދު އޮތް ގާތް ގުޅުން ކަން އަމީރު ފާހަގަ ކުރެއްވިއެވެ.

އަތޮޅުތެރޭގައި ގާއިމުކުރާ ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ސިއްހީ ނިޒާމު ލާމަރުކަޒީކޮށް، ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ކޮވިޑް-19 އާއި މުސްތަގުބަލުގައި ކުރިމަތިވެދާނެ ބަލިމަޑުކަމަށް ގައުމު ހޭނުމަށް ޓަކައި، ނެޝަނަލް ލެބޯޓްރީއެއް ގާއިމްކޮށް، ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށާއި، ކޮންޓްރޯލް ކުރުމަށާއި، މޮނިޓާ ކުރުމަށް ކްރިޓިކަލް އެނަލިޓިކަލް ގާބިލްކަން އިތުރުކޮށް، ކާބޯތަކެއްޗާއި ފާމަސޫޓިކަލް ސޭފްޓީ ގެ ފެންވަރު ރަނގަޅު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އީއައިބީ އަށާއި، ތަރައްގީގެ ބައިވެރިންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށް އަމީރު ވިދާޅުވިއެވެ.

މި ލޯނުގެ ދަށުން އަތޮޅުތެރޭގައި 18 ފެސިލިޓީއެއް އަޅަން ވަނީ ހަމަޖެހިފައެވެ.