މަކަރާއި ހީލަތުން ސައްހަ ނޫން ޑޮލަރުތަކެއް ވިއްކި މައްސަލައިގައި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމުގެ ބަދަލުގައި 28800 ރުފިޔާއިން ދެމީހަކު ޖޫރިމަނާ ކޮށްފިއެވެ.

މިއީ މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހު، ވައިބާ ކޮމިއުނިޓީ ގްރޫޕެއް މެދުވެރިކޮށް ޑޮލަރު ވިއްކަން ޖަހާފައިވާ މެސެޖެއް މެދުވެރިކޮށް ޑޮލަރު ގަންނަން ދިޔަ މީހަކަށް މަކަރާ ހީލާތުން ސައްހަ ނޫން ޑޮލަރުގެ ނޫޓުތަކެއް ވިއްކި މައްސަލައިގައި މުހައްމަދު ނައުފަލް އިބްރާހިމް، ހ. ގާޑަންބްރީޒް، އާއި އަހްމަދު ނައުފަލް، ގ.ސައްލިގޯތި، ގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ނިންމި ނިންމުމެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މުހައްމަދު ނައުފަލް އިބްރާހިމް ޒާހިރާއި، އަހްމަދު ނައުފަލް މަކަރާއި ހީލަތް ހެދުމުގެ ކުށުން ކުށްވެރިވެފައިވާ ކަމަށް ކަނޑައަޅައި އެ ދެމީހުނަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރާ ކަމަށެވެ. ނަމަވެސް އެ ދެމީހުންގެ ޖަލު ހުކުމުގެ ބަދަލުގައި 28800 ރފުިޔާއިން ޖޫރިމަނާކޮށް މިއަދުން ފެށިގެން ދެ މަސް ދުވަސްތެރޭ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ވަނީ ހުކުމް ކޮށްފައެވެ.

މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ރޭ 8:00 ގައި ވައިބާ ކޮމިއުނިޓީ ގްރޫޕެއް ކަމަށްވާ ކަރަންސީ އެކްސްޗޭންޖް ގްރޫޕުގައި 900 ޑޮލަރު 16.50 ރުފިޔާގެ ރޭޓުން ވިއްކާ ކަމަށް އަހްމަދު ނައުފަލް ވަނީ ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓާ ގުޅިގެން ޕާކިސްތާނުގެ ރައްޔިތެއް ކަމުގައިވާ މިރުޒާ އަހްމަދު މާޒް ވަނީ އެ ޑޮލަރު ގަތުމަށް އަހްމަދު ނައުފަލާ މުއާމަލާތް ކޮށްފައެވެ. އެ ޑޮލަރު މިރުޒާއަށް ވިއްކުމަށް ހަމަ އެރޭ 8:50 ހާއިރު މުހައްމަދު ނައުފަލް އިބްރާހިމް ޒާހިރާއި އަހްމަދު ނައުފަލް ވަނީ މާލޭގައި ހުންނަ އެސްޖޭ އެލްމިނިއަމް ކައިރިއަށް ސައިކަލުގައި ގޮސްފައެވެ.

އެ ސައިކަލު ދުއްވަން އިނީ މުހައްމަދު ނައުފަލް އެވެ. އަދި ސައިކަލުގެ ފަހަތުގައި އިނީ އަހްމަދު ނައުފަލެވެ. މިރުޒާއަށް ފައިސާ ހަވާލު ކުރީ އަހަމްދު ނައުފަލެވެ. ހަވާލުކޮށްފައި ވަނީ 900 ޑޮލަރެވެ. އެ ޑޮލަރަށް ވާ 14850 ރުފިޔާ މިރުޒާ ވަނީ ދީފައެވެ. ނަމަވެސް އެ 900 ޑޮލަރުގެ ތެރެއިން 800 ޑޮލަރަކީ ސައްހަ ނޫން ޑޮލަރުތަކެއް ކަމުން އެ ދެމީހުންގެ މައްޗަށް ވަނީ މަކަރާއި ހީލާތް ހެދުމުގެ ދައުވާ އުފުލާފައެވެ.

މިދައުވާ ލިބޭ ދެމީހުން ވަނީ މި ދައުވާއަށް ޖަވާޞުދާރީވުމުގެ ކުރިން ދައުވާ ސާފުވެއްޖެ ކަމަށް ބުނެފައެވެ. އަދި މި ދައުވާއަށް އިއުތިރާފްވާ ކަމަށާއި ދައުވާގައި އެ ބުނާ މުއާމަލާތު ހިނގާފައިވާ ކަމަށް އެއްބަސްވެފައެވެ. އަދި އެރޭ މިރްޒާ އަށް ދިން 900 ޑޮލަރުގެ ތެރެއިން 800 ޑޮލަރަކީ ސައްހަ ނޫން ޑޮލަރު ކަން އެމީހިންނަށް އެނގޭ ކަމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މި ދައުވާއަށް އެ ދެމީހުން ވެސް އެއްބަސްވެ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްއާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުން ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ. މައްސަލަ އަވަސް ނިޔާއިން ބެލުމަށް ވަނީ ނިންމާފައެވެ. އަދި އެމީހުންނަށް ދޭނެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދި ދައުވާލިބޭ ދެމީހުންގެ މައްޗަށް ކަނޑައެޅޭ އަދަބު ވީހާވެސް ލުއިކޮށް ދިނުމަށް އެދިފައި ވާތީ، މިފަދަ ކުށްތަކުގައި ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމުން ދައުލަތުގެ މައްޗަށް އޮންނާނެ މާލީ އަދި އިދާރީ ބުރައަށާއި، ދައުވާލިބޭ ފަރާތް ކުށުގެ ވެށިން ދުރުވުމަށް ބާރުއެޅޭ މިންވަރަށް ރިއާޔަތްކޮށް ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައެޅުމުގެ މަސްލަހަތު ބޮޑުކަމަށް ވާތީ އެ ފުރުސަތުވެސް ވަނީ ފަހިކޮށް ދީފައެވެ. އެގޮތުން ޖަލު ހުމް ޖޫރިމަނާއަށް ބަދަލު ކުރާ ނަމަ، ގާނޫނުލްއުގޫބާތުގެ 1005 ވަނަ މާއްދާގެ (ހ) ގެ ދަށުން، ބަދަލުކުރެވޭނެ އަދަބަކީ 28800 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.