ކޮރަޕްޝަނަކީ އޭގެ ސަބަބުން، އިގުތިސޯދީ ތަރައްގީއަށް ހުރަސް އެޅޭ ނުވަތަ މަޑުޖައްސާ ކަމެއް ނޫން ކަމަށް ޕާކިސްތާނުގެ ޕްލޭނިންގް މިނިސްޓަރު އަހްސަން އިގުބާލް ވިދާޅުވެއްޖެއެވެ.

ހިސާބަކަށް ކޮރަޕްޝަން އޮތް ގައުމުތަކުގައިވެސް ކުރިއެރުން ހާސިލު ކުރެވިފައި އެބަ ހުރި ކަމަށް ވިދާޅުވަމުން ޕާކިސްތާނުގެ ޕްލޭނިންގް މިނިސްޓަރު ވިދާޅުވީ، ގައުމެއްގެ އިގުތިސޯދީ ތަރައްގީ ކުރިއެރިޔަ ނުދީ ހިފަހައްޓާ އަސާސީ ސަބަބަކީ ކޮރަޕްޝަން ނޫން ކަމަށެވެ.

ކޮރަޕްޝަނާ ހިލާފަށް، ޕާކިސްތާނުގެ ކުރިއެރުމުގައި އަތް އަޅާ ބޮޑެތި ސަބަބުތަކުގެ ތެރޭގައި ސިޔާސީ ހަމަނުޖެހުމާއި ސިޔާސަތުތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަމަށް، ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން)ގެ ލީޑަރު ވަނީ ވިދާޅުވެފައެވެ.

އިސްލާމްއާބާދުގައި ކުރިއަށް ދިޔަ ސެމިނާއެއްގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ޕްލޭނިންގް މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަނާއެކުގައި ކުރިއަރާފައިވާ ގައުމުތައް އެބަހުރި ކަމަށާ، ނަމަވެސް ސިޔާސީ ހަމަނުޖެހުންތަކާ، ސިޔާސަތު މެދުކަނޑާލުންތަކާއެކު ކުރިއެރުން ހާސިލު ކުރި އެންމެ ގައުމެއްގެ މިސާލުވެސް ދެއްކެން ނޯންނާނެ ކަމަށެވެ.

ވަކި މިސާލު ޖައްސަވަމުން ވަޒީރު ވަނީ ބަންގްލަދޭޝްއާއި އިންޑިއާގެ ނަން ފާހަގަ ކުރައްވާފައެވެ. ޕާކިސްތާނާ އެއް ދަރަޖައަކަށް އެ ގައުމުތަކުގައި ކޮރަޕްޝަން އޮތް ކަމަށާ، ނަމަވެސް އެ ގައުމުތައް ކުރިއަރާފައި ވާ ކަމަށް އިގުބާލު ވަނީ ވިދާޅުވެފައެވެ.

އިސްލާހެއް ހިންގައިގަތުމަށް އެންމެ މަދުވެގެން 10 ވަރަކަށް އަހަރު ބޭނުން ވާނެ ކަމަށާ، ޕާކިސްތާނަށް "އުދުއްސައި ނުގަނެވިގެން" އުޅޭ އުޅުމުގައި، އޮނިގަނޑުގެ މައްސަލައެއް އުޅޭ ކަމަށްވެސް އެ ގައުމުގެ ޕްލޭނިންގް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ވަކި މިސްރާބަކަށް 10 އަހަރު ވަންދެން ދަތުރު ނުކުރެވިއްޖެނަމަ ހާސިލު ވާނެ ކާމިޔާބެއް ނޯންނާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެ އުސޫލުން ސިޔާސަތުތައް ކުރިއަށް ގެންދިއުމަށް ޕާކިސްތާން ފެއިލް ވެފައި ވާ ކަމަށްވެސް އިގުބާލު ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅަކީ ޕާކިސްތާނަށް އިގުތިސޯދީ މާލީ މާލީ މައްސަލަތަކެއް ކުރިމަތިވެ، ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފަށާފައި ވާ ދަނޑިވަޅެކެވެ. ހަރަދު ކުޑަ ކުރުމުގެ ގޮތުން ބައެއް ކަހަލަ މުދާ، އެ ގައުމަށް އިމްޕޯޓް ކުރުން މަނާ ކޮށްފައި ވާ އިރު، އާދައިގެ ސައި ތައްޓެއް ބޮއެ އުޅޭ މިންވަރު ކޮންޓްރޯލް ކުރުމަށްވެސް ގޮވާލި މަންޒަރު ވަނީ ފެނިފައެވެ.