ކަޝްމީރުގެ އިންޑިއާ ފަޅީގައި ހަރަކާތްތެރިވި ފަތުރުވެރިންގެ ބަޔަކު މަރާލި މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަލާތައް ބަދަލުކޮށްފައި ވާތީ، މަޝްރަހު އިތުރަށް ގޯސް ނުކުރަން އެމެރިކާއިން އަންގައިފިއެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސްގެ ވިދާޅުވެފައި ވަނީ، ހަމަލާ ދިން ޓެރަރިސްޓުން ފިލާފައި ވަނީ ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި ކަމަށާއި އެމީހުން ހިފާ ހައްޔަރު ކުރުމުގައި ޕާކިސްތާން ސަރުކާރުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި އިންޑިއާ އަށާއި ޕާކިސްތާނަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން، މަޝްރަހު އިތުރަށް ހޫނު ނުކުރަންވެސް އެދިވަޑައިގަންނަވައެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ނިއުކްލިއާ ބާރު ލިބިފައިވާ ދެގައުމެކެވެ. ދެގައުމުގެ ދެމެދުގައި ދިގުލައި ހަނގުރާމައެއް ފެށިއްޖެ ނަމަ އެއީ ރާއްޖެ ހިމެނޭ މި ސަރަހައްދަށް ނުރައްކާ ބޮޑު މައްސަލައަކަށް ވާނެ ކަމަށް މުރާސިލުން ބުނެއެވެ.

ވޭންސް ގެ އިތުރުން އެމެރިކާގެ ދިފާއީ ވަޒީރު މާކޯ ރޫބިއޯ ވެސް ވަނީ، ޕާކިސްތާނާއި އިންޑިއާގެ އިސް އޮފިޝަލުންނާ ގުޅުއްވައި މަޝްރަހު ފިނިކުރުމަށް އެދިވަޑައިގެންފައެވެ.

ހުސްވި އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްހަމްގައި ޓެރަރިސްޓުން ދިން ހަމަލާގައި 26 ފަތުރުވެރިއަކު މަރުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އެކި ސަރަހައްދުތަކުން ފަތުރުވެރިންގެ ގޮތުގައި ކަޝްމީރަށް ދިޔަ 25 މީހަކާއި ނޭޕާލަށް ނިސްބަތްވާ މީހެކެވެ.

މި ހަމަލާއަށް ފަހު އިންޑިއާގެ ފައުޖުތަކުން ޓެރަރިސްޓުން އަތުލައިގަތުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާ، ޓެރަރިސްޓުން ފިލާ ތިބިކަމަށް ބަލައި ބައެއް ގޭގެއަށް ހަމަލާދީ ހަލާކުކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި އާންމުން ދިރިއުޅެ ބައެއް ގޭގެވެސް ހިމެނެއެވެ.

މި ހަމަލާއަށް ފަހު މަޝްރަހު އިތުރަށް ހޫނުވީ، އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތައުﷲ ތަރާރު ވާހަކަ ދައްކަވާފައި ވުމުގެ ސަބަބުންނެވެ. އޭނާ ތުހުމަތު ކުރެއްވީ، އިންޑިއާއިން މަސައްކަތް ކުރަނީ ބަހަނާތަކެއް ފެންމަތިކޮށް ޕާކިސްތާނަށް ހަމަލާ ދޭން ކަމަށާއި ނަމަވެސް ޕާކިސްތާންގެ ފައުޖުތައް އޮތީ އިންޑިއާގެ ހަމަލާތައް ނާކާމިޔާބު ކޮށްލުމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އޭނާގެ އެ މެސެޖުގައި އިންޑިއާއިން ހަމަލާ ދޭނެ ކަމަށް ބުނި ވަގުތު ފަހަނާ ހިނގައްޖެއެވެ. އެބުނާ ހަމަލާއެއް އިންޑިއާއިން ދީފައެއް ނުވެއެވެ.

ދެފަރާތުގެ މަޝްރަހު ހޫނުވެފައި ވާ އިރު ޕާކިސްތާނުން ވަނީ ބޯޑަރު ސަރަހައްދުގައި އިންޑިއާއިން އުދުއްސި ޑްރޯނެއް ވައްޓާލާފައެވެ. ހަމަ އެހެންމެ އިންޑިއާ އިން ވަނީ، ދުރުރާސްތާ މިސައިލް ޓެސްޓެއް ކޮށް އިންޑިއާގެ ގާބިލުކަން ދައްކާލާފައެވެ.

ދެފަރާތުން އެއްބަޔަކު އަނެއްބަޔަކަށް އެބައެއްގެ ގާބިލުކަން ދައްކަމުން ދާ އިރު، ޕަހަލްގަމްގެ ހާދިސާ އާ ގުޅިގެން މެދުނުކެނޑި 7 ދުވަސް ވާންދެން ބޯޑަރު ސަރަހައްދުގައި ދެފަރާތުން ވަނީ ބަޑީގެ ހަމަލާތައް ބަދަލު ކޮށްފައެވެ.

މި ހަމަލާތަކުގައި މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގަމުން ދާ ކުރިމަތިލުންތަކަކީ އިނގިރޭސީން އިންޑިއާ ދޫކޮށް ދިޔަ އިރު ކަޝްމީރުގެ މެދުން ދެބަޔަށް ބައިކޮށް އިންޑިއާ އަށް ބައެއް، ޕާކިސްތާނަށް ބައެއް ދީ ދޫކޮށްލާފައި ދިޔުމުގެ ސަބަބުން ކަޝްމީރުގެ މިލްކުވެރިކަމާ މެދު އުފެދިގެން އުޅޭ މައްސަލައެއްގެ ސަބަބެކެވެ. އިންޑިއާއިންވެސް އަދި ޕާކިސްތާނުން ވެސް ބޭނުންވަނީ ކަޝްމީރު އެކީގައެވެ.