ރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިއަދު މަޖިލިހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ، އެ ބިލް މަޖިލިހަށް ހުށަހެޅުމުގެ ބޭނުމަކީ:

  • އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް ކަމަށް
  • ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށް ކަމަށް
  • އެގޮތުން ޑިސްޓްރިކްޓް ކޯޓު އުފައްދައި، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސާކިޓްތައް ގާއިމް ކުރުމަށް ކަމަށް
  • މެޖިސްޓްރޭޓުން ވަކި ކޯޓަކަށް އައްޔަން ކުރާ ގޮތަށް އޮތް އުސޫލަށް ބަދަލު ގެނައުމަށް ކަމަށް
  • އެގޮތުން މެޖިސްޓްރޭޓުން އައްޔަނު ކުރާނީ ކަނޑައެޅޭ ސާކިޓްތަކަށް ކަން ހަމަޖެއްސުމަށް ކަމަށް

"މި ބިލު އަޅުގަނޑު މިއަދު މި މަޖިލިހަށް ހުށަހަޅަނީ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދާ ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ފުރިހަމަ ކުރުމަށް." ނިހާދު ވިދާޅުވިއެވެ.

އެ ބިލްގެ އެންމެ ފުރަތަމަ ކިއުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 31 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ސަރުކާރުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލުގައި ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސުޕީރިއާ ކޯޓުތައް ހިންގުމުގެ އުސޫލުތަކާއި، ޖުޑީޝަލް ޑިސްޓްރިކްޓާއި، ޑިސްޓްރިކްޓް ކޯޓު އުފައްދައި، ޖުޑީޝަލް ދާއިރާތަކާއި ސާކިޓްތައް ކަނޑައެޅުމާއި، މައްސަލަ ބޭއްވުމުގެ ކުރިން ޝަރީއަތުން ބޭރުގައި ހައްލު ހޯދައިދިނުން ފަދަ ބައިތަކަށް އަލިއަޅުވާލާފައިވެއެވެ.

އެގޮތުން، ސުޕްރީމް ކޯޓުގައި "ސުމޯޓޯ" އުސޫލުން މައްސަލަ ބެލެން އޮންނަ އުސޫލު އުވާލުމާއި، އިސްތިއުނާފީ މައްސަލަތައް ހައިކޯޓަށް ފޮނުވައިދިނުމަށް އެދުމުން، ދަށު ކޯޓުން 14 ދުވަހުގެ ތެރޭ އެ ލިޔުންތައް ހައިކޯޓަށް ފޮނުވުމާއި، ސުޕީރިއާ ކޯޓެއްގެ ގޮތުގައި ޑިސްޓްރިކްޓް ކޯޓު ތައާރަފް ކުރުމާއި، މެޖިސްޓްރޭޓް ކޯޓު ހުންނަންވާނެ ގޮތަށް ބަދަލު ގެނައުން ފަދަ ކަންކަން އެ އިސްލާހުގައި ހުށަހަޅާފައިވެއެވެ.

އެ ބިލް މިއަދު މަޖިލިހަށް ހުށަހެޅުމާ އެކު، އިބްތިދާއީ ބަހުސްގެ މަރުހަލާ ވަނީ ފަށައިފައެވެ.