ބާ އިމްތިހާނު މިއަހަރުގެ ނޮވެމްބަރު މަހަށް ފަސް ކުރަން ބާ ކައުންސިލުން ނިންމައިފިއެވެ.

ބާ އިމްތިހާނު މީގެ ކުރިން ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. ބާ އިމްތިހާނު މިހާއިރު ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ނޮވެމްބަރު މަހު ބާއްވާ އިމްތިހާނުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ފީއެއްގެ ގޮތުގައި 10،000 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ.ވެ.

ބާ އިމްތިހާނު ފަސްކޮށްފައި މިވަނީ އިމްތިހާނު ފީ އާ ގުޅިގެން ވަރަށް ގިނަ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށް ބާ ކައުންސިލްގައާއި، ކަމާއި ގުޅުންހުރި އިދާރާތަކުގައި އެދިފައި ވަނިކޮށެވެ.

ވަކީލުކަމުގެ ހުއްދަ ހޯދަން ބާ އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖައްސާފައި ވަނީ 2019 ގައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން އިމްތިހާން ނުބޭއްވުމުގެ ސަބަބުން 283 ވަކީލުންނަށް ވަގުތީ ލައިސަންސެއް ދޫކޮށްފައި ވެއެވެ. އެ ވަކީލުންނާ އެކު އަލަށް ގާނޫނީ ދާއިރާ ކިޔަވައިގެން ދަސްވެނިވެފައިވާ ދަރިވަރުން ވެސް ބާ އިމްތިހާނު ހެދުމަށް ހަމަޖެހިފައިވެއެވެ.

ބާ އިމްތިހާނުގައި މައިގަނޑު ހަ ބައެއް އޮވެއެވެ. އެއީ ޓޯޓް ލޯ، ކްރިމިނަލް ޕްރޮސީޖާ، ކޮންސްޓިޓިއުޝަނަލް ލޯ، ކޮންޓްރެކްޓް ލޯ، ލޭންޑް ލޯ، އަދި މޯލްޑިވިއަން ލީގަލް ސިސްޓަމެވެ.