އިސްލާމްދީނަށް އާންމުންގެ މެދުގައި އޮންނަ ލޯބި، ސިޔާސީ މަގްސަދެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭނުންކޮށް، ރުޅިވެރިކަން އުފައްދަމުންދާ ކަމުގެ ތުހުމަތު އިސްލާމިކް މިނިސްޓްރީން ކޮށްފިއެވެ.
އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސަރުކާރުން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް، އެ ހަރަކާތް ހުއްޓުވައި ބަޔަކު ވަނީ ހަމަނުޖެހުން ހިންގައިފައެވެ. އެ މައްސަލަ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ބައެއް ވުޒާރާތަކުން ކުށްވެރިކޮށްފައި ވާއިރު، އެ ހަމަނުޖެހުމުގައި ބޭނުންކުރި ބައެއް ސާމާނު ނެރުނީ ޕީޕީއެމްގެ އޮފީހުން ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އަދި އެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއަކުން ބައިވެރިވިކަން ސާބިތުވެއްޖެ ނަމަ، އެ ޕާޓީއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ނަމަވެސް، ފުލުހުން ކުރާ ތުހުމަތުތައް ދޮގުކޮށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ:
- އެ ހަމަނުޖެހުންތަކުގައި ކޯލިޝަންގެ އެއްވެސް އަތެއް ނެތް ކަމަށް
- އެ ހަމަނުޖެހުން އިދިކޮޅުގެ ބޮލުގައި ސަރުކާރުން އަޅުވަން މަސައްކަތް ކުރާ ކަމަށް
މިރޭ ނެރުނު ބަޔާނެއްގައި އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދު ހިންގި ޔޯގާ ހަރަކާތް ހުއްޓުވުމަށް ހަމަނުޖެހުން ހިންގުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ހިންގާ އެފަދަ އަމަލުތަކަކީ ދީނީ މިންގަނޑުން ބޭރު، ރިވެތި އުސޫލުތަކާ ހިލާފު އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
އެއާއެކު، އެ މިނިސްޓްރީން ވަނީ އެފަދަ އަމަލުތަކަކީ ރާއްޖޭގެ އެތެރޭގެ ހަމަނުޖެހުން ނަގާލާ އަމަލެއް ކަމަށް ބުނެ، އެފަދަ އަމަލުތައް ނުހިންގުމަށް އާންމުންނަށް ގޮވާލައިފައެވެ. އަދި އެ އަމަލަކީ ބައެެއް ފަރާތްތަކުން ސިޔާސީ މަންފާއަށްޓަކައި، އަދި އާންމުންގެ މެދުގައި އޮންނަ ދީނީ ލޯބި ނައްތާލައި، ނަފްރަތު އުފެއްދުމުގެ ގޮތުން ކުރި އަމަލެއްގެ ގޮތުގައި ވަނީ ތުހުމަތުކޮށްފައެވެ.
އެހެންވެ އެފަދަ އަމަލުތަކާ މެދު ސަމާލުވެ، މުޖުތަމައުގެ މަސްލަހަަތު އިސް ކުރުމަށް އާންމުންނާ ގުޅިގެން މަސައްކަތް ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ގޮވާލައިފައެވެ.
އިސްލާމިކް މިނިސްޓްރީން މިފަދައިން ގޮވާލައި ބަޔާނެއް ނެރެފައިވާއިރު، މިއަދު ހިންގި ހަމަނުޖެހުމުގެ މައްސަލަ ބަލައި، އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ހިމެނޭހެން، ހަތް ވަޒީރުން ހިމަނައިގެން ސަބް ކޮމިޓީއެއް އެކުލަވާލައިފައެވެ.
ހެނދުނު ޔޯގާ ހަރަކާތް ފަށަން ތައްޔާރުވެފައި އޮއްވާ، ޒުވާނުންގެ ގިނަ ބަޔަކު ވަނީ "ﷲ އަކްބަރު" ގޮވަމުން ވަދެ ދަނޑުން ނުކުތުމަށް ގޮވައި، ދަނޑުގެ އެ ތަނުގައި ޖަހާފައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ. ނަމަވެސް އެ ހަމަނުޖެހުންތަކަށް ފަހު ވެސް، ޔޯގާ ދުވަސް ވަނީ ފާހަގަކޮށްފައެވެ.
ހަމަގައިމުވެސް ސަރުކާރަކަށް ނުކެރުނު ރަސޫލާ ދިފާޢުގަ ނިކުންނާކަށް އޭގެ ބަދަލުގަ ޖެހިލުންވެ ބިރުގަތީ ބަޔަކު ނިކުތީމަ