މާލޭގެ ބޮޑު ސަރަހައްދަކުން މީގެ 30 މިނެޓް ކުރިން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓު ކެނޑިފައި ކަމަށެވެ. ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ނަމަވެސް ދިމާވި މައްސަލައިގެ ތަފްސިލެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.

މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުމާ ގުޅިގެން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތަކާ ގުޅިގެން ކަރަންޓުގެ ހިދުމަތް ކަނޑާލާ ނަމަ އެކަން އަންނަނީ އާންމުކޮށް އިއުލާން ކުރަމުންނެވެ.

މާލޭއާއި ހުޅުމާލެއާ އެކު ކަރަންޓި ހިދުމަތް ދެމުން އަންނަ އިރު މިހާރު ހުޅުމާލެ ފޭސް 2 ގައި މީހުން އާބާދުވުމުން ކަރަންޓުގެ ލޯޑް ވަނީ ބޮޑުވެފައެވެ. އެކަން ހައްލު ކުރުމަށް މާލެ ސަރަހައްދުގެ ކެޕޭސިޓީ އިތުރުކޮށް މިހާރު މާލެ ސަރަހައްދުގައި ކަރަންޓު އުފައްދަން 95 މެގަވޮޓްގެ ކެޕޭސިޓީއެއް ވަނީ އުފައްދާފައެވެ. އަދި 2024 އަންނަން ވާއިރަށް އެ ކެޕޭސިޓި އިތުރު ކޮށް އިތުރު 70 މެގްވޮޓްގެ ޕްލާންތެއް އަލާން ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.