މިއަދަކީ ދުނިޔޭގެ އެތަން މިތާނގައި ޔޯގާ ފާހަގަ ކުރާ ދުވަހެވެ. ކަސްރަތެއްގެ ގޮތުގައި ދެކިގެން ދިވެހިންގެ ތެރޭގައި ވެސް އެތައް ބަޔަކު ޕްރެކްޓިސް ކުރާ ކުޅިވަރެކެވެ. ޔޯގާގެ އެތައް ބާވަތްތަކެއް ހުންނަ އިރު އޭގެ ތެރޭގައި ކަރްމާ ޔޯގާ، ބާކްތީ ޔޯގާ، ޖްނާނާ ޔޯގާ އަދި ރާޖާ ޔޯގާ އަކީ އެންމެ މައި މުހިންމު ޔޯގާގެ ބާވަތްތަކެވެ. ޔޯގާ އާންމުވެފައިވާ ދުނިޔޭގެ އެހެން ހިސާބުތަކަށް ބަލާއިރު ހުޅަނގުގައި ވަނީ ހަށިގަނޑުގެ ގުނަވަންތައް ވަކިގޮތަކަށް ހަރަކާތްކުރުން ނުވަތަ ހަތާ ޔޯގާ ވައިގައި ހިފާފައެވެ. މިއީ މީހުންގެ ތެރެއަށް ކަސްރަތުގެ ހަރަކާތްތަކެއްގެ ގޮތުގައި އާންމު ވެފައި ވާ ވައްތަރެވެ.
ދިވެހިންގެ ތެރޭގައި ޔޯގާ ޕްރެކްޓިސް ކުރާ މީހުން ގިނަ އިރު އެފަދަ ހަރަކާތްތައް ދަސްކޮށްދޭ ވީޑީއޯތައް ބަަލައިގެން ގޭތެރޭގައި މެޓު މަތީގައި ޔޯގާ ހަދާ މީހުން ފެނެއެވެ. އަދި ބައެއް ކަސްތަރު ކްލާސްތަކުގައި ޔޯގާ ހަދާތަންވެސް ފެނެއެވެ. އެއްބަޔަކަށް ކަސްރަތެކެވެ، އަނެއް ބަޔަކަށް އެއީ ޝިރުކުގެ އަމަލެކެވެ.
ޔޯގާ ފެށިގެން އައި ގޮތާއި ޔޯގާގެ ހަގީގަތް!
"ޔޯގާ" މިލަފްޒު އައިސްފައި ވަނީ ސާންސްކްރިތް ބަހުންނެވެ. ޔޯގާ އަކީ އިންޑިޔާއިން އުފަންވެފައިވާ ތާރީހީ، ރޫހާނީ ފަރިތަކުރުން ތަކަކަށް ކިޔާ ނަމެކެވެ. އެ ބަހުގެ މާނައަކީ އެއްބައިވަންތަ ކަމެވެ. ހިންދީންގެ ފާދިރީ އަކު ބުނެފައިވާ ގޮތުގައި އެއީ އިންސާނާ އާއި އޭނާގެ ރޫހާ ދެމެދުގައި އޮންނަ އެއްބައިވަންތަ އެކުވެރި ކަމެވެ.
"ޔޯގާ" އެކުލެވިގެން ވަނީ ތަމްރީނުތަކެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ މަޝްހޫރު ތަމްރީނަށް ދީފައި އޮންނަ ނަމަކީ "ސުރްޔާ ނަމަސްކާރު" އެވެ. ސާންސްކްރިތް ބަހުން މި ލަފްޒުގެ މާނައަކީ އަށްގުނަވަން މަތީ އިރަށް ސަޖިދަ ކުރުމެވެ. އެއީ ދެފައިތިލަ، ދެކަކޫ، ދެއަތް، މޭ އަދި ނިތްކުރި ބޭނުން ކޮށްގެން އިރަށް ތިރިވުމެވެ.
"ޔޯގާ" ކުރާ އިރު ހެދުމެއް ނުލާ ރޯ ބަރަހަނާއަށް ހުރުމަކީ އަދި މާ މޮޅުގޮތެއް ކަމަށް އެމީހުން ބުނެއެވެ. ހެދުމެއް ލީނަމަވެސް، މެޔާއި ބުރަކަށި އަދި ފަލަމަސްގަނޑު ހާމަ އަށް ބޭއްވުމަކީ ވެސް އެމީހުން ގަބޫލު ކުރާ މޮޅު ގޮތެކެވެ. އަދި ޔޯގާ ކުރާ އިރު، އިރުއޮއްސޭ ގަޑި އާއި އިރުއަރާ ގަޑީގައި އެ ކަސްރަތުތައް ކުރުމަށާއި އެ ވަގުތުތަކުގައި ބޮޑަށް އެދެވިގެން ވަނީ ވެސް ވީހާވެސް ހާމަތަނެއްގައި އިރާ ކުރިމަތިލައިގެން ތިބެ އެ ކަސްރަތުތައް ކުރުން ކަމަށް އެމީހުން ފަތުވާ ދެއެވެ. އިރު ނުފެންނަ ތަނެއްގައި ކަސްރަތު ކުރާނަމަ އިރެއް ކުރަހާފައި ފާރުގައި ތަތް ކޮށްފައި ބަހައްޓަންވީއެވެ.
"ޔޯގާ" ގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރަން ބޭނުން މީހަކު ކާންވާނީ ހުސް ތަރުކާރީއެވެ. އެއްވެސް ބާވަތެއްގެ މަހެއް ކައިގެން ނުވެއެވެ. އަދި ކަސްރަތު ކުރަމުން ގެންދާ ގަޑީގައި އަޑުހަރުކޮށް ކިޔަން ޖެހޭ ވަކި ހާއްސަ ކަލިމަތަކެއް ހުރެއެވެ. އޭގެ ތެރޭގައި ހުރާމް، ހުރީމް، ހުރައުމް، ހާރާ ހިމެނެއެވެ. މީގެ އިތުރުން އިރަށް ދެވިފައިވާ ބާރަ ނަން ކިޔަން ޖެހެއެވެ. އެއީ "ޔޯގާ" ގެ ވަރަށް ހާއްސަ ކަމެކެވެ.
ޔޯގާގައި ބޭނުން ކުރާ އިރަށް ދީފައިވާ ބައެއް ނަންތަކާއި އޭގެ މާނަ:
- "ރާފާނާމާ" މާނައަކީ: "ހުރިހާ ތަކެއްޗެއް ތިޔަ ފަރާތަށް ހަމްދު ކުރާ ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ."
- "ސޫރްޔާނާމާ" މާނައަކީ: "ހުރިހާ އެންމެންނަށް ހިދާޔަތް ދެއްކި ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ."
- "ބަހާނާފިނަމާ" މާނައަކީ: "ރީތިކަން ދެއްވި ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ."
- "ސަފީތަރްނަމާ" މާނައަކީ: "ދިރިއުޅުން ދެއްވި ފަރާތަށް އަހަރެންގެ ބޯ ތިރި ކުރަމެވެ."
"ޔޯގާ" ގައި ބައިވެރިވާ ބައެއް މީހުން ބުނާ ގޮތުގައި އެމީހުން ޔޯގާ ކުރަނީ މެންދަމު 3:30 ހާއިރު ތެދުވެގެން އިރުއެރުމާ ހަމައަށް ކަމަށާއި އަދި ހަވީރު 6 އިން އިރުއޮއްސުމާ ހަމައަށެވެ. ދުވާލަކު ތިންގަޑި އިރާއި 4 ގަޑިއިރާ ދެމެދުގެ ވަގުތަކަށް މި ހަރަކާތް އެމީހުން ކުރާ ކަމަށް ބުނާ އިރު، ބައެއް މީހުން މިއަށް ވުރެ ވެސް ގިނަ އިރު މިކަން ކުރާ ކަމަށް ވެއެވެ. ގިނަވަގުތު މިކަން ކުރި ވަރަކަށް ފައިދާ ބޮޑުވާނެ ކަމުގައި އެމީހުން ބުނެއެވެ.
ހިންދޫންގެ ދީނީ ކަމެއް، ސަރުކާރުން ހުއްދަ ދެނީ ކީއްވެ؟
ކްރިސިޓިއަން ދީނުގައި ފާހަގަ ކުރާ ހައްސަ ދުވަސްތައް ދިވެހިންގެ ތެރޭގައި ފާހަގަ ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ހާއްސަކޮށް ރާއްޖޭގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ކްރިސްޓްމަސް ދުވަސްތަކުގައި އެމީހުން އެ މުނާސަބާ ފާހަގަ ކުރުމަށް ގެންގުޅޭ ސަގާފީ ކަންކަން ނުވަތަ ނަސޯރާ ދީނާ ގުޅުން ހުންނަ ލަވަ ޖަހާ ނަމަ އެކަން ފުލުހުން ހުއްޓުވާފައި ވެސް އެބަހުއްޓެވެ. އަދި އެކަމަށް ފިޔަވަޅު ވެސް އަޅައެވެ. ހަމައެއާއެކު އިސްލާމް ދީނަށް ނުވަތަ ރަސޫލާއަށް ފުރައްސާރަ ކުރާ ފަދަ ހާލަތަކަށް ކަންކަން ގޮސްފި ނަމަ އެކަން ވެސް ހުއްޓުވަފައި އެބަހުއްޓެވެ.
އެގޮތުން ދާދި ފަހުން އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށް ވާ ބީޖޭޕީން ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ހޫނުވެގެން ދިޔަ އިރު ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ދެކޮޅަށް ނުކުމެ އަޑު އުފުލާފައި ވެއެވެ. އެކަމާ ދެކޮޅަށް އެތައް ދިވެހިންނެއް ވެސް ނިކުމެ އަޑު އުފުލާފައި ވެއެވެ. މިކަމުގައި ސަރުކާރުން ބަސްމަގު ގެންގުޅުނު ގޮތާމެދު އެތައް ބަޔަކު ޝަކުވާކޮށްވެސް ހެދިއެވެ. ސަރުކާރުން ބަސް ބުނިލެއް ލަސްވުމާއި ބަސް ބުނިލެއް "ސޮފްޓް" ކަމުންނެވެ.
އިންޑިއާއާ ގުޅުން ހުންނަ ކަންކަމުގައި މި ސަރުކާރުން ދެކޮޅު ނުހަދާ ކަމީ ގިނަ ބަޔަކު ފާހަގަ ކުރާ ކަމެކެވެ. އެ ގޮތުން ޔޯގާ ކުރުމާ ދެކޮޅަށް މި ސަރުކާރުން ނުނިކުތުމަކީ ވެސް އެފަދަ ކަމެކެވެ. ޔޯގާ ކުރުމަކީ ދީނީ ގޮތުން ބެލި ކަމުގައި ވިޔަސް ރަނގަޅުކަމެއް ނޫން ކަމަށް އެތައް އިލްމުވެރިންނެއް އިއްތިފާގުވާއިރު، ރާއްޖޭގައި ކްރިސްޓްމަސް ފާހަގަ ކުރުން އާންމުން އުޅޭ ރަށްރަށުގައި ހުއްޓުވާ ފަދައިން ޔޯގާ ކުރުން ނުހުއްޓުވަމަކީ ސުވާލު އުފެދޭ ކަމެކެވެ. އެއްބަޔަކު ގަބޫލު ކުރާ ގޮތުގައި މިއީ ސިޔާސީ ކުޅިގަނޑެކެވެ. އަވައްޓެރި އިންޑިއާއެކު އޮންނަ ގާތް ގުޅުން ބަދަހި ކުރުމަށް އެމީހުންނަށް ސަނާ ކިޔަން މި ސަރުކާރުން ހިންގާ ޖަރީމާއެކެވެ.
2015 ވަނަ އަހަރު އިންޑިއާ އެމްބަސީން ރޭވި ކަލްޗަރަލް ހަފްތާއެއް ނިންމުމުގެ ރަސްމިއްޔާތަކަށް އޭރުގެ ސަރުކާރުގެ ދެ މިނިސްޓަރަކު ގެންގޮސްގެން ޔޯގާ އިސްތިހާރު ކުރަން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް އޭގެ ފަހުން އެފަދަ އިވެންޓެއްގައި ސަރުކާރުގެ މިނިސްޓަރުން ހިމަނައިގެން ކުރިއަށް ގެންދިޔަ ތަނެއް ނުފެއެވެ. ނަމަވެސް މި ސަރުކާރުން އިންޑިއާއެކު ބާއްވަން ފެށި ގާތް ގުޅުމާ އެކު އިންޑިއާގެ ގިނަ ސަގާފީ ހަރާކާތްތަކާއި އަދި ޔޯގާ ކަސްރަތެއްގެ ގޮތުގައި ޕްރޮމޯޓް ކުރާތަން އަންނަނީ ފެންނަމުންނެވެ.
އެގޮތުން މިދިޔަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އިންޑިއަން ކަލްޗަރަލް ސެންޓަރާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން ލޮނުޒިޔާރަތް ޕާކުގައި ވަނީ ޔޯގާ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއެކު މިއަދު ހެނދުނު އިންޑިއާ އެމްބަސީއާ ގުޅިގެން ޔޫތް މިނިސްޓްރީން ވަނީ ގަލޮޅުދަނޑުގައި ޔޯގާ ދުވަސް ފާހަގަ ކުރުމަށް ޔޯގާ ސެޝަންއެއް ކުރިއަށް ގެންގޮސްފައެވެ. މި އިވެންޓް ކުރިއަށް ދިޔަ ވަގުތު ގަލޮޅު ދަނޑަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި 6 މީހަކު ހައްޔަރު ކޮށްފައިވާ އިރު ޔޯގާ ހަރަކާތް ހުއްޓުވަން ނިކުތް މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށް ރައީސް އިބްރަހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
ޔޯގާ ހަރަކާތް ހުއްޓުވަން މަސައްކަތް ކުރި މައްސަލައާ ގުޅިގެން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެފައި ވަނީ މިއަދު ކުއްލިއަކަށް ކަންކަން ހަރާމްވެ، ހަލާލުވަމުން އަންނަ ކަމަށާއި މިއަދު އެދުރުންނަށް ވުރެ ދަރިވަރުން މޮޅުވާ ކަމަށެވެ. އަދި ސައުދީގައި ޔޯގާ މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށަން އުޅޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ދީނީ ކަންކަމުގައި އުޅުއްވާ ބޭފުޅުން އެކަންކަމުގައި އުޅުއްވާފައި، ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންފުޅުވާ ބޭފުޅުން ސިޔާސީ މަސައްކަތަށް ދޫކޮށްލީމާ ރަނގަޅުވާނެ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.
މިކަމަށް ރާއްޖޭގައި ހުއްދަ ދީގެން މި ކުޅިވަރު ހިންގަން ސަރުކާރުން ބާރު އަޅަން ޖެހުނު ސަބަބާ މެދު އެތައް ދިވެހިންނެއް ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މިކަމާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބަހެއް ނުބުނުމަކީ ވެސް ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ.
މި މައްސަލައިގައި ޕީޕީއެމް އަޑުއުފުލަމުން ދިއުމަކީ އިންޑިއާ އާ ދެކޮޅަށް އެ ޕާޓީން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންނަށް ބާރުދޭ ކަމެއްގެ ގޮތުގައި ދެކި ސިޔާސީ ކަންކަމުގައި ދީނީ ކާޑު ކެޅެނީ ކަމަށް އެތައް ބަޔަކު ލޭބަލް ކުރެއެވެ. އަދި މި ދަނޑިވަޅުގައި އިންޑިއާއާ ގުޅޭ މި ފަދަ ކޮންމެ ކަމެއް އެ ޕާޓީން ސިޔާސީ ކޮށްލާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ނަމަވެސް ސިޔާސީ ފިކުރު އެއްފަރާތްކޮށްފައި މިކަމަށް ދީނީ ނަޒަރަކުން ބަލާލަމާ ހިނގާށެވެ.
އިސްލާމީ ނަޒަރަކުން "ޔޯގާ" ގައި ބައިވެރި ވުމަކީ ކޮން ކަހަލަ ކަމެއް!
އެއްވެސް މުސްލިމަކު "ޔޯގާ" ގައި ބައިވެރި ވުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ފަތުވާ އެބަހުއްޓެވެ. އެއީ ދީނީ ކަމެއްގެ ގޮތުގައި ބައިވެރިވިޔަސް، ނުވަތަ ބަޔަކު ކުރާތީ ކުރާ ކަމެއް ކަމުގައި ވިޔަސް، ނުވަތަ ކަސްރަތު ކުރުމުގެ ނިޔަތުގައި ކަމަށް ވިޔަސް ވެސް މެއެވެ. "ޔޯގާ" ގައި ބައިވެރިވުން ހުއްދަނުވާނެ ސަބަބުތައް ކަމަށް ފާހަގަ ކޮށްފައި ވަނީ، އެއީ ތަވްހީދުގެ އަގީދާއާ ފުށު އަރާ ކަމަކަށް ވުމެވެ. ސަބަބަކީ އޭގައި އިރުގެ ނަންތައް ކިޔާ، އިރަށް ސަޖިދަކޮށް ހެދުމުން ﷲ އާ އެކު އެހެން ފަރާތެއް އަޅުކަން ކުރުމުގައި ބައިވެރި ކުރެވޭތީއެވެ. އަދި "ޔޯގާ" ގައި ބުދަށް އަޅުކަން ކުރާ މީހުންނާއި އެއްގޮތްވުން ހިމެނޭތީއެވެ.
ސޫރަތުއް ރަޢްދުގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (قُلْ إِنَّمَا أُمِرْتُ أَنْ أَعْبُدَ اللَّـهَ وَلَا أُشْرِكَ بِهِۚ إِلَيْهِ أَدْعُو وَإِلَيْهِ مَآبِ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް أمر ކުރައްވާފައި ވާ ކަން ކަށަވަރީ، اللَّ هއަށް އަޅުކަން ކުޅައުމަށެވެ. އަދި އެކަލާނގެއަށް شريك ނުކުރުމަށެވެ. ތިމަންކަލޭގެފާނު ގޮވައިލައްވަނީ، އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރި ދިއުން ވަނީ އެކަލާނގެ حضرة އަށެވެ."
ސޫރަތުއް ޒުމަރުގެ 65 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ) މާނައަކީ: "ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ رسولންނަށް وحىކުރައްވާފައި ވެއެވެ. ކަލޭގެފާނު شريك ކުރައްވައިފިނަމަ، ކަލޭގެފާނުގެ عمل ތައް باطل ވެއްޖައީސް ކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ."
ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައި ވެއެވެ. (مَن تشبَّه بقوم فهو منهم)رواه أحمد وأبو داود والطبراني، މާނައަކީ: "ބަޔަކު މީހުންނާ އެއްގޮތް ވެގަން ފި މީހަކީ އެބައިމީހުންގެ ތެރެއިންވާ މީހެކެވެ."
އިންޑިއާގެ ޔޯގާ ގުރޫއެއް ކަމަށްވާ ޖަގަދިޝް "ޖައްގީ" ވަސުދޭވް ނުވަތަ އާންމު ނަމުންނަމަ ސަދްގުރޫގެ ވާހަތަކަށް ބަލާލި ކަމުގައި ވިޔަސް ޔޯގާ އަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތް މި ދިވެހިރާއްޖޭގައި ކުރަން ދޫކޮށްލާވަރުގެ ކަމެއްތޯ ސުވާލު އުފައްދަން ޖެހެއެވެ. އޭނާ ބުނާ ގޮތުގައި މުޅި ޔޯގާގެ ހަގީގަތަކީ، މަހްލޫގެއްގެ ގޮތުގައި ހުރެފައި، އެ މަހްލޫގެއް ހެއްދެވި ހާލިގުވަންތަ އިލާހަށް އެމީހަކު ބަދަލުވުމެވެ.
މެޑިޓޭޝަން ނުވަތަ ކަސްރަތުގެ ގޮތުގައި ޔޯގަ ކުރާ ދިވެހިން މިކަމާ މެދު ފުން ނަޒަރަކުން ވިސްނާލުމަކީ ބުއްދިވެރި ކަމެކެވެ. ދުނިޔެ ތަރައްގީ ވަމުންދާ އިރު އެއާ އެއްވަރަށް ފައިތިލަ ހަމަ ކުރުމަށް އަހަރެމެން ދިވެހިންގެ ތެރޭގައި އޮތް ރިވެތި އާދަކާދައާއި އިސްލާމީ ރިވެތި ސިފަތައް އެއްފަރާތް ކޮށް ބުދު ދީނަށް އަޅުކަން ކުރާ ބަޔަކު ޕްރޮމޯޓް ކުރާ މިފަދަ ހަރަކާތް ހިންގައި އެކަމުގައި ބައިވެރިވުމަކީ "ޝިރްކް" ގެ ތެރެއިން ވާ ކަމަކަށް ނުވެ ހިނގައިދާނެހެއްޔެވެ. އަމުދުން، ޔޯގާ އަކީ، ދިވެހިން ގަބޫލުކޮށްގެން ތިބި ދީނުގައިވެސް އަދި ދިވެހިންގެ ސަގާފަތުގައިވެސް ނެތް ކަމަކަށް ވާއިރު، އެހާ ވަރުތަކެއް އަރުވައި ހައްމުށި އަޅާ ބެރިކޭޑް ޖަހައިގެންވެސް ކުރުވަން ޖެހޭ ކަމެއްތޯވެ.
ޔޯގާ ހެދުމަކީ ޝިރުކުކުރުން. އެއީ ދީނުން ބޭރުވެގެން ދާނެ ކަމެއް. ޔޯގާ ނަހަދާވެސް ކުރެވިދާނެ ކަންތައް އެބަހުރި. ކަސްރަތުކުރުން، ފެތުން، ދުވުން، މިހިރީ ހައްތާވެސް ކުރެވިދާނެ ކަންތައް. ހިންދީން ބުދަށް ސަޖިދަޖެހިއްޔޭ ކިޔާފައި އެކަން ކޮއްގެން ނުވާނެ. ބަޔަކާ ވައްތަރުވެގެންފި ބަޔަކު ވަނީ އެބަޔަކުގެ ތެރެއިން ކަމަށް ކީރިތި މާތް ނަބިއްޔާގެ ހަދީސް ބަސްފުޅެއްގައި އޮވޭ.
ޔޯގާ ހަދާއިރު ތިބުނާ ބަނދިވަރެއް ނުކިޔަސް ވެދާނެ. ބޭނުންވަނީ ކަސްރަތުން ދުޅަހެޔޮކަން. ތިހާ ތިލަކޮން ވިސްނަންވީއްޔާ އަބަދު ދީނުން ބޭރުވެދާނެތީ ސިއްސައިގެން ގޮސް ހުންނާނީ. ފުކެއް ބޮޑުވަރު
އައިސިސް މީހުންވެސް ކިޔަނީ އެއީ އިސްލާމިންނޭ! ދެން އަހަރެމެންވެސް އުޅެނީ އެގޮތަށްތަ؟ މިސްކުތުގަ ގަބުރު ބަހައްޓައިގެން ދުޢާކުރާ ބަޔަކުވެސް މުސްލިމިންނޭ ކިޔާ. މި ލިޔުން ލެޔުއްވި ބޭފުޅާއަށްވެސް ނަން މުހިންމީ! ފަރުޟު 5 ނަމާދުނުކޮށް މޭގަ އަތްޖަހާލާފަ މުސްލިމެކޭ ބުނީމަ އެ ނިމިނީތާ!
ބުދަށް އަޅުކަން ކުރުމާއި ޝިރުކު ކުރުން ހުއްދަ ކުރަން ތިއުޅެނީ ދިވެހިރާއްޖޭގައި ދީނީމިނިވަން ކަމާއި ޢައިރު ދީންތަކަށް ޖާގަ ހޯދާދިނުން ތީގައި ފޮރުވިފައިވާ ކަމަކީ !
100 ގެ ލިޔުމެއް. މި ކިޔާބަލަ ހުރިހާ އެންމެން. ގެޓްވާނޭ ޔޯގާ އެންޑް މަހްލޫފް ޕްލީސް
ހިޔާލު ފާޅު ކުރާ ވަރަށްވުރެވެސް ދަށުދަރަޖައިގެ ލިޔުމެއް. ވަކި ބައިގަޑެއްދައްކާ ވާހަކައެއް އެއީ ޔޯގާ ކަމުގައި ތަސައްވަރު ކޮއްދޭން އުޅުނީމަ ދީނީ ގޮތުން ތިމާއަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްތޯ ވިސްނާލީމުތޯ.