ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހަކީ އަނިޔާ ދިނުމަށްޓަކައި ހުށައެޅިގެން އުޅޭ އިސްލާހެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ޝިޔާމް ވިދާޅުވީ މި އިސްލާހަކީ ސަރުކާރުގެ މުށުތެރެއަށް ފަނޑިޔާރުގެތައް ގެނައުމަށް ގެންނަ އިސްލާހެއް ކަމަށާއި ޖޭއެސްސީ ބާރު ފަނޑިޔާރުގެ ތަކުގައި އޮންނާނެ ގޮތަށް ގެންނަ އިސްލާހެއް ކަމަށެވެ.

މި އިސްލާހާމެދު ކަންބޮޑުވާ ކަމަށާއި މި އިސްލާހުގައިވާ ގޮތުން ފަނޑިޔާރަކު ވަކިކުރުމަށްފަހު ފަނޑިޔާރެއްގެ ދުވަސް އެ ހިސާބުން އެ ދިޔައީ ކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

"ކިޔެވި އެއްޗެއްގެ ބޭނުމެއް ނުހިފެ އުމުރު ދުވަސް ހޭދަކޮށްގެން އާއިލާއަށާއި ތިމާ މީހާއަށް ލިބުނު ހާ ފައިސާއެއް ކިޔެވުމަށް ހޭދަކޮށްގެން ގާނޫނީ ދާއިރާއިން ކިޔަވައިގެން ފަނޑިޔާރަކަށް ވެގެން ރައީސް ނުވަތަ ސަރުކާރުގަ ތިބޭ ބަޔަކު ހިތް ހަމަ ނުޖެހޭ ގޮތަކަށް ކުރާ ހުކުމަކުން ނުވަތަ އަމަލަކުން އުމުރަށް މިދަނީ ދުވަސް"
ޝިޔާމް

ޝިޔާމް ވިދާޅުވީ މި ގާނޫނުގައި ބުނާ ގޮތުން ދިރިއުޅުން ދިއުމުގެ އިތުރުން ދައުލަތުންދޭ އިނާޔަތްތައްވެސް ކެނޑިގެންދާ ކަމަށާއި މިހާ ވަރަށް ފަނޑިޔާރުން ބިރުގަންނަވަން ނުވާނެ ކަމަށެވެ. އަދި މި އިސްލާހުން ޖޭއެސްސީއިން މަޖިލީހަށް މައްސަލަ ހުށައެޅޭމި އިސްތިއުފާ ދިނުމުގެ ހައްގުވެސް ނިގުޅައިގަންނަ ކަމަށްވެސް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ބަލަން އެބަހުރި ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ރައީސް ޔާމީނަށް އިއްވި ހުކުމާއެކު ސްޕްރީމް ކޯޓަށް "ޖަންޕު" ޖެހިގޮތެއް ބެލެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

"މި އިސްލާހު މިތަނުން ފާސްކޮށްގެން ސަރުކާރު ބޭނުންވާހާ ގޮތަކަށް ފަނޑިޔާރުގެތައް ހިންގައިގެން މި ސަރުކާރަށް ދެމި އޮވެވޭނެ ކަމަށް ގަބޫލުކުރުމަކީ ކުންހީއެކޭ"
ޝިޔާމް

ޝިޔާމް އިތުރަށް ވިދާޅުވީ މި އިސްލާހުން ފަނޑިޔާރު ގޭގެ މިނިވަން ކަމާއި މުސްތަގިއްލުކަން ނަގާލާ ކަމަށެވެ.