މުޅި އަހަރަށް ބަހާލައިގެން އެއްވެސް އަތޮޅެއް ބާކީ ނުކޮށް، މެދުކެނޑުމެއްނެތި ދީނީ އެކި ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ނައިބު މިކަމަށް އެދިވަޑައިގަތީ ހިޖުރައިން 1443 ވަނަ އަހަރުގެ ރޯދަ މަހުގެ ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާ ބައްދަލުކުރެއްވުމަށްޓަކައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ނައިބު ދެއްކެވި ވާހަކަގައި ރައްޔިތުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތައް ކުރަންޖެހިފައިވާ ކަމަށް ވިދަޅުވިއެވެ. މިގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަކީ މެދުނުކެނޑި ރައްޔިތުންގެ ޝައުގުވެރިކަން އުފެދޭ ގޮތަށް ބައްޓަންކުރެވިގެން އަތޮޅުތައްވެސް ހިމެނޭހެން ކުރިއަށްގެންދެވޭ ޕްރޮގްރާމްތަކަކަށް ހެއްދެވުމަށް ނައިބު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ކޮންމެ އަހަރަކުވެސް ބަރަކާތްތެރި ރޯދަ މަހަށް ހާއްސަކޮށް، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ރޫހު އާލާކޮށް ދިރުވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ރާވާ އިންތިޒާމުކުރާ ގިނަ ޕްރޮގްރާމްތަކެއް އާންމުންނާއި ހަމައަށް ގެނެސްދެވޭކަން ފާހަގަކުރެއްވިއެވެ.

އެގޮތްން ހިންގާ ޕްރޮގްރާމްތަކުގައި ދީނީ އިލްމުވެރިންގެ އިތުރުން އެކިއެކި ހެޔޮއެދޭ ފަރާތްތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވާ، މިއަހަރުގެ ރޯދަ މަހު ހިންގި މިފަދަ އެންމެހާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ނައިބު ވަނީ ޝުކުރު އަދާކުރައްވާފައެވެ..

ނައިބު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން އެހެން އަހަރުތަކާއި ހިލާފަށް މިދިޔަ ރޯދަ މަހު އަތޮޅުތެރޭގައި އިހްޔާ ޕްރޮގްރާމްތަކެއް ރާވައިގެން ކުރިއަށް ގެންދެވި ކަމަށެވެ.