ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އައްޑު އަތޮޅު ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ 21އ. މަރުވި މައްސަލައާ ގުޅިގެން އިތުރު ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިމަހު 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދެ މީހަކާއި 22 އަހަރުގެ މީހެއް އަދި 24 އަހަރުގެ މީހެއް ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުގެ އެކަކާއި 22 އަހަރުގެ މީހާ އަށް 15 ދުވަސް އަދި 24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމަުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި 18 އަހަރުގެ އަނެއް މީހާ ކޯޓު އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޒަޔާންގެ މަރުގެ މައްސަލަގައި މީގެ ކުރިން 15 އަހަރުގެ ކުއްޖަކާއި 16 އަހަތުގެ ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން 16 އަހަރުގެ ކުއްޖާ ހައްޔަރުކުރަން އުޅުނު ވަގުތު އަމާންކަން ނަގާލަން އުޅުނު އިތުރު 3 މީހަކު ވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެކެވެ. މި ތިން މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
ފޭދޫގައި މިދިޔަ މަހުގެ 31 ވީ އަންގާރަ ދުވަހުގެ ރޭ ހިންގި އެ މާރާމާރީގައި ޒަހަމްވި ޒުވާނާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ތޫނު އެއްޗެހިން ހަމަލާ ދީ ހިންގި މި މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއް ކަމަށް ފުލުހުން ބުނެއެވެ.