ގައުމީ ދިދަ ނަގައި ބޭނުން ކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރާނެ ވަކި އުސޫލުތަކެއް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

އެ އުސޫލުތައް ކަނޑައަޅުއްވައި ރައީސް ނެރުއްވި ދެންނެވުމުގައި ވިދާޅުވީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ގައުމީ ދިދަ އަށް ހުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި ގައުމީ ދިދައިގެ ހުރުމަތަށް އުނިކަމެއް އަންނާނެ ފަދަ މިންވަރަކަށް ބާވެފައި، ނުވަތަ ހަލާކުވެފައިވާ ދިދައެއް ބޭނުންކޮށްގެން ނުވާނެއެވެ.

ހަމަ އެއާއެކު، ބޭނުން ނުކުރެވޭ ވަރަށް ބާވެފައިވާ ދިދައެއް މުއައްސަސާތަކުން ނައްތާލަން ވާނީ ދިދައިގެ ހުރުމަތް ނުކެނޑޭ ފަދަ ގޮތަކަށް ކަމަށް ވެސް، ރައީސްގެ ދެންނެވުމުގައި ވިދާޅުވިއެވެ.

އެ ދެންނެވުމުގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކުގެ އިމާރާތްތަކާއި، ރަސްމީ ކަންކަމުގައި ދިދަ ބޭނުންކުރެވޭނެ މިންތައް ވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން، ގައުމީ ދިދައިގެ ދިގުމިން ހުންނަން ވާނީ 24-270 ސެންޓިމީޓަރު ދެމެދެވެ. އަދި ފުޅާމިން ހުންނަން ވާނީ 16-180 ސެންޓިމީޓަރު ދެމެދެވެ.

އޭގެ އިތުރުން، އެ ދެންނެވުމުގައިވާ ގޮތުން، ދައުލަތުގެ ބައެއް މުއައްސަސާތަކުގައި 24 ގަޑިއިރު ގައުމީ ދިދަ ނަގާފައި ހުންނަން ވާނެއެވެ. އެ މުއައްސަސާތަކަކީ:

  • ރައީސް އޮފީސް
  • މުލީއާގެ އާއި ހިލާލީގެ
  • ބަނޑޭރި ކޮށްޓާއި ޝަހީދު ހުސައިން އާދަމް ބިލްޑިން
  • 24 ގަޑިއިރު ހިދުމަތްދޭ މުއައްސަސާތައް

އަދި އެހެން ގައުމުތަކުގެ، ނުވަތަ ސަރުކާރުން ގަބޫލުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ދިދަތަކާ އެކު ގައުމީ ދިދަ ބޭނުންކުރަން ޖެހޭނެ ގޮތްތަކާއި، ބައި ދަނޑިއަށް ގައުމީ ދިދަ ތިރިކުރާއިރު އަމަލު ކުރަން ޖެހޭ ގޮތްތަކާއި، ދައުލަތުގެ މުއައްސަސާތަކުން ބާއްވާ އެއްވުންތަކުގައި ދިދަ ބޭނުން ކުރެވޭނެ ފަދަ އުސޫލުތައް ވެސް އެ ދެންނެވުމުގައި ރައީސް ކަނޑައަޅުއްވާފައިވެއެވެ.