ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ގުޅިގެން މާދަމާ ބާއްވާ ޔޯގާ ހަރަކާތަށް، ރަސްފަންނު ދޫނުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމުމުން، ގަލޮޅު ދަނޑުގައި އެ ހަރަކާތް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަސްފަންނުގައި ހަރަކާތެއް ބާއްވަން ނިންމާ މާދަމާ ހެނދުނު 6:30 ގައި އެ ހަރަކާތް ބާއްވަން ފުރަތަމަ ނިންމީ ރަސްފަންނުގައެވެ. އެހެންނަމަވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ޔޯގާ ހަރަކާތަށް ހުއްދަ ނުދޭން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ހަރަކާތުގެ ބައިވެރިންނަށް ޔޯގާ މެޓް ދޫކުރާނީ ދަނޑުން ކަމަށާއި އެހެންނަމަވެސް އަމިއްލަ ތުވާލި ގެންދިއުމަށާއި ފަސޭހަ ހެދުމެއްގައި ދިއުމަށް ޔޫތު މިނިސްޓްރީއިން ވަނީ އެދިފައެވެ.

މާދަމާގެ ހަރަކާތާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަދި ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން ވަނީ ޔޯގާގެ ނަމުގައި ހިންގަން އުޅެނީ "ޝިވާ ކަލާންގެ" އަށް ނިސްބަތްކޮށް ހިންދޫންގެ ހަރަކާތެއް ކަމަށް ވެސް ވިދާޅުވެފައެވެ.

އަދި ދީނީ އިލްމުގެ ބައެއް ބޭފުޅުންވެސް ވަނީ މި ހަރަކާތާ ދެކޮޅަށް އަޑުއުފުލާ މިއީ އިސްލާމީ މުޖުތަމައުތަކާ ބީރައްޓެހި ކަމެއް ކަމުގައި ބުނެފައެވެ.