އާދަޔާ ހިލާފު، މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން އިންޑިއާއާއި ބަންގްލަދޭޝްގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 59 އަށް އަރައިފިއެވެ.

މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހި، އެކި ހިސާބުތަކުގައި ތާށިވެފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އެ ހިސާބުތަކަށް ދިއުންވެސް ވަނީ ދަތިވެފައެވެ.

މޫސުން ކުރިއަށް ލަފާ ކުރާ ފަރާތްތަކުން ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް، އެކަމުގެ އިންޒާރު ދީފައެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ވަނީ، އެ ގައުމަށް މިހާރު ކުރިމަތިލާން ޖެހިފައި ވާ ފެންބޮޑުވުމުގެ ހަދިސާއަކީ، 2004 ވަނަ އަހަރަށް ފަހު އެ ގައުމަށް ކުރިމަތިލާން ޖެހިފައި ވާ އެފަދަ އެންމެ ބޮޑު ހާދިސާ ކަމަށް ސިފަ ކޮށްފައެވެ.

ހުސްވި ހަފުތާގައި ކުރި ގަދަ ވިއްސާރައިގެ ސަބަބުން ބަންގްލަދޭޝްގެ އުތުރު-އިރުމަތީ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ފެނުއަޑީގައެވެ. އަދި އަވަށްޓެރި އިންޑިއާ ސަރަހައްދުގެ ފަރުބަދަކުން ފައިބައިގެންދާ ފެނުގެ ކޯރުތަކުގެ ސަބަބުން، ހާލަތު އިތުރަށް ގޯސްވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވަގުތީ ހިޔަލުގެ ގޮތުގައި ސްކޫލްތައް ބޭނުން ކުރަން ފަށާފައި ވާ އިރު، ފެންގަނޑު އުފުލެމުން ދާ ދިއުމުގެ ސަބަބުން އަވަށްޓެރި ހިސާބުތަކާ ގުޅުން ކެނޑިފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތުގައި އަސްކަރިއްޔާއިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

އިންޑިއާއަށް ބަލާއިރު އައްސާމް ސްޓޭޓުން 1.8 މިލިއަނަށް ވުރެ ގިނަ މީހުންނަށް، ފެންބޮޑުވުމުގެ އަސަރު ވަނީ ފޯރާފައެވެ. ބައެއް ސަރަހައްދުތަކަށް ބޯފެން ނުލިބޭ ކަމަށްވެސް ހަބަރު ލިބެއެވެ.

ފެންބޮޑުވުމުގެ ހާދިސާތައް ހިނގަން މެދުވެރިވާ ވަކި ސަބަބެއް ކަނޑައެޅިގެން ނެތް ކަމުގައި ވީ ނަމަވެސް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑު ކަމަށް، ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ.

މޫސުމީ ވިއްސާރައިގެ ދުވަސްވަރަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ ގިނަ އާއިލާތަކެއް އެ ސިނާއަތަކަށް ބަރޯސާ ވެފައި ވާ ދަނޑުވެރިކަމުގެ ސިނާއަތަށް އިންތިހާ މުހިންމު ދުވަސްވަރަކަށް ވީ ނަމަވެސް، އާދަޔާ ހިލާފު ގަދައަށް ކުރާ ވިއްސާރައިގެ ސަބަބުން އެތައް ބައެއްގެ ފުރަނާއާއި، މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް، ކޮންމެ އަހަރަކުވެސް ލިބެއެވެ. ކައިރީ މާޒީގައި ފާއިތުވީ އަހަރުތަކަށް ބަލާއިރު، ބަންގްލަދޭޝްއާއި އިންޑިއާއަކީ މޫސުމީ ގަދަ ވިއްސާރައިގެ ހިތި ތަޖުރިބާ ކުރި 2 ގައުމެވެ.