"އަވިކަތަ" ނަމުގައި ސްޓެލްކޯއިން ތެލަށް ބަރޯސާވުން ކުޑަކޮށް، އިޔާދަކުރުވަނިވި ހަކަތަ ބޭނުން ކުރުން އިތުރުމަށްޓަކައި ސްކީމެއް ރޭ އިފްތިތާހު ކޮށްފިއެވެ.

ސްޓެލްކޯގެ ރިހިޔޫބީލް ފާހަގަ ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ ސްކީމް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

"އަވިކަތަ" ސްކީމް އިފްތިތާހު ކުރުމަށް ފަހު، އެ ޖަލްސާގައި ދެއްކި ވީޑިއޯގައި ސްޓެލްކޯއިން ބުނި ގޮތުގައި އެ ސްކީމްގެ މަގްސަދަކީ، އަވިން ކަރަންޓު އުފެއްދުމަށްޓަކައި ގިނަ ގެތަކުގައި ސޯލާ ޕެނަލް ހަރުކުރުމެވެ. އެކަން ކުރުމަށްޓަކައި ގެތަކުގެ ފުރާޅު ކުއްޔަށް ދީގެން ފަސޭހަކަމާ އެކު އާންމުންނަށް އާމްދަނީ ހޯދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ސްކީމްގައި ބައިވެރިވާން ބޭނުން ނަމަ، އެ ގެއެއްގެ ވެރިފަރާތުގެ ހުއްދަ އޮންނަން ޖެހޭނެއެވެ. އަދި އެ ގެއެއްގެ ފުރާޅުގައި މަދުވެގެން 100 އަކަފޫޓުގެ ބޮޑުމިނެއް ހުރެފައިި، ފަސޭހަ ކަމާއެކު އަވިވެސް ލިބެން ޖެހޭނެއެވެ. އޭގެ އިތުރުން ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ވެސް ހުންނަން ވާނެއެވެ.

އެހެންކަމުން، އެ ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ވުމާއެކު، ބައިވެރިވާން ބޭނުންވާ މީހުން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުމަށް ފަހު، އެ ކުންފުނީގެ އޮފީހަށް ހުށަހެޅޭނެއެވެ. ނުވަތަ އީމެއިލަށް ފޯމާއި ލިޔެކިއުންތައް ފޮނުވޭނެއެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ، "އަވިކަތަ" ސްކީމްގެ ދަށުން ސޯލާ ޕެނަލް ހަރު ކުރުމަށް ނިންމާފައިވަނީ އެ ސްކީމްގައި ބައިވެރިވާން ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށް ފަހު، އެ ގެއެއްގެ ފުރާޅު ދިރާސާކޮށް، ދެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުގައެވެ. އަދި ކޮންމެ މަހަކު ކުލީގެ ފައިސާ ޖަމާކުރުމަށް ކަނޑައަޅާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރަމުން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ސްޓެލްކޯއިން ވަނީ ސޯލާ ސެންޓަރެއް ހުޅުވައި، ރާއްޖޭގައި އިޔާދަކުރުވަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.