ދިމާވާ ބޮޑެތި ގުދުރަތީ ކާރިސާތަކާ ގުޅިގެން ފިޔަވަޅު އެޅުމުގައި އެއްގައުމު އަނެއް ގައުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ޖަޕާނުގެ ޓޯކްޔޯގައި ކުރިއަށްދިޔަ "ޕެސިފިކް އެމްފިބިއަސް ލީޑާސް ސިމްޕޯޒިއަމް" ގައި މަޝްވަރާ ކޮށްފިއެވެ.

މި ސިމްޕޯޒިއަމްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގަންނަވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސް އަދި ޔޫއެސް މެރިން ކޯ ފޯސަސް، ޕެސިފިކްއިން ގުޅިގެން މިމަހުގެ 13 އިން 16 އަށް ކުރިއަށް ގެންދިޔަ މި ސިމްޕޯޒިއަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އިންޑޯ ޕެސިޕިކު ސަރަހައްދުގެ މަސްލަހަތާއި ސުލްހަ ދެމެހެއްޓުމުގައި އެމްފިބިއަސް ފޯސްތަކުން އަދާކުރާ ދައުރުގެ މައްޗަށް ކަމަށެވެ.

މިގޮތުން، ދިމާވާ ބޮޑެތި ގުދުރަތީ ކާރިސާތަކާއި ހާދިސާތައް އަދި ކްރައިސިސްތަކުން ރައްކާތެރި ވުމުގެ ފިޔަވަޅު އެޅުމުގައި އެއްގައުމު އަނެއް ގައުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މެރިޓައިމް ޑޮމެއިންއަށް ހޭލުންތެރިކުރުމާއި، ދިމާވާ ގޮންޖެހުންތަކުގައި އޮޕަރޭޝަނަލް މާހައުލަށް އެމްފިބިއަސް ފޯސަސްތައް ބިނާކުރުމާއި، އެތެރޭގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ގިނަބައެއްގެ އެއްބާރުލުން ހޯދައިގެން އޮޕަރޭޝަންތައް ހިންގުން ފަދަ މައުޟޫތަކަށް ޕެނަލް ޑިސްކަޝަންތައް ބާއްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން ބުނީ، ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ސިމްޕޯޒިއަމްގައި ދިވެހިރާއްޖޭގެ އިތުރުން ޖަޕާން، ޔޫއެސް، އޮސްޓްރޭލިއާ، ބްރޫނާއި، ކެނެޑާ، ޗިލީ، ފީޖީ، ފްރާންސް، އިންޑޮނޭޝިއާ، ނިއުޒީލަންޑް، ޕެރޫ، ފިލިޕީންސް، ރިޕަބްލިކް އޮފް ކޮރެއާ، ސިންގަޕޯ، ސްރީލަންކާ، ތައިލޭންޑް، ޔޫކޭ، އަދި ޓީމޯ ލެސްޓްގެ އަސްކަރީ އިސްވެރިން ބައިވެރިވެފައިވާ ކަމަށެވެ.

މި ސިމްޕޯޒިއަމްގެ ހަވާސާގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ ޖަޕާނުގެ ގްރައުންޑް ސެލްފް ޑިފެންސް ފޯސްގެ ޗީފް އޮފް ސްޓާފް، ޖެނެރަލް ޔޮޝީޑާ ޔޮޝިހައިޑާއި ޔޫއެސް މެރިން ކޯ ފޯސަސް، ޕެސިފިކްގެ ކޮމާންޑާ، ލެފްޓިނެންޓް ޖެނެރަލް ސްޓީވެން އާރް ރަޑާއާއެކު ބައިލޭޓްރަލް މީޓިންތަކެއް ބާއްވަވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖަޕާނަށް ކުރެއްވި މި ދަތުރުގައި އެފަރާތުގެ އަރިހުގައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގެ ޕްރިންސިޕަލް ޑައިރެކްޓަރު، ކާނަލް ހަސަން ޝާހިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.