11 ގައުމަކާއި 1 ފޮރިން ޓެރިޓަރީ ހިމެނޭހެން ޖުމުލަ 12 ދާއިރާއެއް ކަވަރު ކުރެވޭ ގޮތަށް، ޖަޕާނުގެ ކަނޑުގެ އަސްކަރިއްޔާގެ ހާއްސަ ފްލީޓެއް، އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ރުކުރުވާލައިފިއެވެ.

ސެލްފް-ޑިފެންސް ނުވަތަ ނަފްސުގެ ދިފާއުގައި ހަރަކާތްތެރިވާ ފްލީޓް ރުކުރުވާލީ، މުޅި ދުނިޔެއަށް، ވަކިން ހާއްސަކޮށް ސަރަހައްދީ ފެންވަރުގައި އަތްގަދަ ކުރަމުން ދާ ޗައިނާގެ ނުފޫޒާ ދެކޮޅަށް އެމެރިކާއާއި އެހެންވެސް އިތުރު ގައުމުތަކެއް ގުޅިގެން ހިންގާ ކަނޑުގެ އަސްކަރީ ތަމްރީނުތަކުގެ ބައެއްގެ ގޮތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޖަޕާނުގެ ދިފާއި ވުޒާރާއިން ހާމަ ކޮށްފައި ވާ ގޮތުގައި އޮކްޓޯބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ރުކުރުވާލާފައިވާ ފްލީޓުން، ސޮލޮމޮން އައިލަންޑްސް، ޓޮންގާ އަދި ފީޖީ ގައުމުތަކުގެބަނދަރުތަކަށް ދަތުރު ކުރާނެއެވެ. އެ ގައުމުތަކަކީ މި ފަހުން ޗައިނާ އެންމެ ފާރަވެރިވާ ގައުމުތައް ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ. މީގެ އިތުރުން އެއް ގައުމަށް ވުރެ ގިނަ ގައުމު ބައިވެރިވެގެން ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ އެންމެ ވަރުގަދަ އަސްކަރީ ތަމްރީނުތަކުގައިވެސް ޖަޕާނުގެ ކަނޑުގެ އަރުމާޒުން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ. ޖަޕާނުގެ އިތުރުން އެމެރިކާ އަދި ދެކުނު ކޮރެއާއިންވެސް ތަމްރީނުތަކުގައި ބައިވެރިވާ ކަމަށް ހަބަރު ލިބެއެވެ.

ޗައިނާގެ ނުފޫޒަށް ދުނިޔެ ސިހިސިހި އޮތް މި ދަނޑިވަޅުގައި އެކަމަށް ފާރަވެރިވަނިވި ރޫހެއްގައި ޖަޕާނުގެ ކަނޑުގެ އަސްކަރިއްޔާއިން ރުކުރުވާލި ފްލީޓް، ދަތުރު ކުރުމަށް ހަމަޖެހިފައި ވާ އިތުރު މަންޒިލްތަކުގެ ތެރޭގައި ވިއެޓްނާމް، ފިލިޕީންންސް، ޕަޕުއާ ނިއުގިނީ ހިމެނެއެވެ. އަދި ޗައިނާއާ ދެކޮޅަށް މި ދުވަސްވަރު އެންމެ ހަރަކާތްތެރި ދައުރެއް އަދާ ކުރަމުންދާ "ކުއަޑް" އިއްތިހާދުގައި ހިމެނޭ އެމެރިކާއާއި އޮސްޓްރޭލިއާގެ އިތުރުން، ދިވެހި ރާއްޖެއާއި އެންމެ ގާތުން އިންޑިއާއަށްވެސް ދަތުރު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދާދި ފަހުން ޗައިނާއިން ވަނީ ސޮލޮމޮން އައިލަންޑްސްއާއެކު ސަލާމަތުގެ ނަމުގައި ހާއްސަ އެއްބަސްވުމެއް އެކުލަވާލާފައެވެ. އެ އެއްބަސްވުމަކީ ޗައިނާގެ ސަރަހައްދީ އިމުން ބޭރުގައި އަސްކަރީ ހާއްސަ ހަރަކާތްތައް ހިންގުމަށް ޗައިނާގެ އަސްކަރިއްޔާއަށް އިމްތިޔާޒު ލިއްބައިދޭ އެއްބަސްވުމެކެވެ. އެ އެއްބަސްވުންވީ ސަރަހައްދީ ޑިމޮކްރަސީތައް ކަމުގައި ވާ އޮސްޓްރޭލިއާ، ޖަޕާން އަދި އެމެރިކާގެ ހިތް ނުތަނަވަސް ކުރުވި އެއްބަސްވުމަކަށެވެ.