ނ. ހޮޅުދޫގެ ބައެއްގެގޮތުގައި ނ. ހުޅުމީދޫ ތަރައްގީކޮށް، އެރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމް ކޮށްދީ، މީހުން އާބާދު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ނ. ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި އަލިމަސް ޔޫބީލް ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ، ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ހޮޅުދޫ ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތް ނިމުމުން، އަންނަ ޖުލައި މަހުގެ ނިޔަލަށް މަޝްރޫއު ބީލަމަށް ހުޅުވައިލެވޭނެ ކަމަށް ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ، ހޮޅުދޫގެ ބައެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވި ހުޅުމީދޫ އާބާދުކުރުމަށް އެރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވެފައެވެ.

ނ. ހޮޅުދުއާއި ނ. ހުޅުމީދޫ

ރައީސް ވިދާޅުވީ ހޮޅުދޫގައި އަޅަން ސަރުކާރުން ހަމަޖެއްސެވި 30 ހައުސިން ޔުނިޓް އެޅުމަށް މިހާރު ހަމަޖެހިފައި ވަނީ ވެސް ހުޅުމީދުގައި ކަމަށެވެ.

މީގެ އިތުރުން މިހާރު ތައްޔާރުވަމުން އަންނަ، ސާފު ބޯފެނުގެ ނިޒާމު ގާއިމުކޮށް ނިމުމާ އެކީ، ރަނގަޅު ފެންވަރަށް ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ނ. ހުޅުމީދޫއަކީ ހޮޅުދުއާ 1 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.