ށ. ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ށ.ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، އެރަށުގެ ރައްޔިތުން އެދިފައިވާގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ފަށްޓަވަން ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ވެސް ލަސްތަކެއްނުވެ ސަރުކާރުން ކުރިޔަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރަށުގެ ރައްޔިތުން އެދިފައިއޮތްގޮތަށް ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި އިރާދަކުރެއްވިއްޔާ މިރަށް ހިމަނާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް އަޅުގަނޑުމެން ކުރާނަން. އަދި އޭގެ އިތުރުން މިހާރުން މިހާރަށް އަޅުގަނޑުމެން ގޮތްތަކެއް ހޯދަންޖެހިފައި އޮތްކަމަކީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުން.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ވަނީ ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫއެއް ކުރިޔަށްދާކަން ފާހަގަކުރައްވާ މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.