ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި ދިވެހިންގެ ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް އެ މައުލޫމާތު ހިއްސާކޮށް ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް (ސީބީޓީ) ފުޅާކުރުމަކީ މި ވަގުތު މުހިންމު ކަމެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ޔުމްނާ މިހެން ވިދާޅުވީ، އިއްޔެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަސް ގެންދިޔަ ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގެ ސެޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ސެޝަންގައި ޔުމްނާ ވަނީ ރާއްޖޭގެ މިހާރު ފަތުރުވެރިކަން އޮތް ގޮތާއި މިސްރާބާއި އެ ދާއިރާގެ ތެރެއަށް ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ވާހަކަތައް ހިއްސާ ކުރެވޭނެ ގޮތް ތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
ޔުމްނާ ވިދާޅުވީ ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގައި އޮތީ ވަން އައިލެން ވަން ރިސޯޓް ކޮންސެޕްޓް ކަމަށާއި ނަމަވެސް މިހާރު ލޯކަލް އައިލެންޑް ޓޫރިޒަމް އާއި ގެސްޓް ހައުސް ޓޫރިޒަމް ރާއްޖެއަށް ތައާރަފް ވެފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މި އަހަރު ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ތައާރަފް ކޮށްފައިވާކަން ފާހަގަކުރަމުން މިހާރު ރާއްޖޭގެ މިސްރާބު ހުރީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމާއި ދިމާލަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ އިގްތިސޯދަށް ވަރަށް މުހިއްމު ފައިދާއެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ޔުމްނާ ފާހަގަ ކުރެއްވިއެވެ.
ކޮމިއުނިޓީ ބޭސްޑް ޜޫރިޒަމް ފުޅާ ކުރެވިއްޖެ ނަމަ އެކަމުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފައިދާ ވާނެ ކަމަށާއި އަދި ސަގާފަތާއި ތަރިކައިގެ ރައްކާތެރިކުރުމަށް ކޮމިއުނިޓީ ބޭސްޓް ޓުރިޒަމް މުހިއްމު ދައުރެއް އަދާ ކުރާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ. ހަމައެއާއެކު އަދުގެ ދުނިޔޭގައި ގިނަ ފަތުރުވެރިންނަކީ ގައުމުތަކުގެ ސަގާފަތާއި އެފަދަ މައުލޫމާތުތައް އެނގެން ބޭނުންވާ ބައެއްކަން ފާހަގަ ކުރައްވަމުން މި ކަމުން ރާއްޖެއަށް ވެސް އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށާއި އަދި ރާއްޖެ ސީބީޓީއަށް މިސްރާބު ޖެހުމަކީ ރަނގަޅު ކަމެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ.
މި ވޭތުދެދިޔަ އަހަރުތަކުގައި ފަތުރުވެރިކަމަށް އައިސްފައިވާ ބަދަލަށް ބަލާއިރު ގެސްްޓް ހައުސް ވިޔަފާރި ފުޅާވެފައިވާ ކަމަށް ޔުމްނާ ފާހަގަ ކުރެއްވިއެވެ. އެ ބަދަލާ އެކު ސަގާފަތާއި ތަރިކަ ފަތުރުވެރިކަމުގެ ދާއިރާއަށް ވެއްދުމަށް ސަރުކާރުން ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އެ ގޮތުން ރާއްޖޭގައި ހުރި އެފަދަ ތަންތަން ހިމާޔަތް ކޮށް އެތަންތަނަށް މިހާރުވެސް ފަތުރުވެރިން ޒިޔާރަތް ކޮށް އެތަންތަނުގެ ވާހަކަތައް މިހާރުވެސް ފަތުރުވެރިންނަށް ހިއްސާ ކުރަމުންދާ ކަމީ އެކަމަށް އޮތް ތަރުހީބު ފެންނަމުންދާ ކަމެއް ކަމަށް ޔުމްނާ ފާހަގަ ކުރެއްވިއެވެ.
ސަގާފަތާއި ތަރިކަ ޓޫރިޒަމްގެ ތެރެއިން މުޅި ދުނިޔެއަށް ހިއްސާ ކުރެވުން ލިބޭ އެންމެ ބޮޑު އެއް ފައިދާއެއްގެ ގޮތުގައި ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިއުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި ދިވެހިންގެ ތެރޭގައި ކުރަމުންދާ އަތްތެރިކަމުގެ މަސައްކަތްތަކާއި އެފަދަ މަސައްކަތުން އުފައްދާ ތަކެތި ވެސް ޓޫރިޒަމް މާކެޓުގައި ވިޔަފާރި ކުރުމަށް ނެރެ އެ މަސައްކަތް ކުރާ ފަރާތަތަކަށް އާމްދަނީ ލިބި ކޮމިއުނިޓީއަށް އެއިން ވަރަށް ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.