ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި ފުލުހުންގެ އޮފިސަރެއްގެ ހެކިބަސް ނަގައިފައެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.
ފޮރެންސިކް ތަހުލީލުކޮށްފައި ވަނީ ޔޫސުފް ނައީމްގެ ނަންބަރާއި މުއާމަލާތްކޮށްފައިވޭތޯ ބެލުމަށް ތިން އައިފޯނަކުން ނަގާފައިވާ ޑޭޓާތަކެކެވެ. އެހެންނަމަވެސް އެ ތިން ފޯނު ނިސްބަތްވަނީ ކޮން ފަރާތްތަކަށްކަން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އެ ތަހުލީލުތައް ކުރިއިރު އެ ނަންބަރުގެ ކޯލް އެލާޓާއި މެސެޖު އަދި ވައިބާ ޗެޓު ލޮގް ފެނިފައިވާ ކަމަށާއި އެ މުއާމަލާތްތަކުގައި ނުވަތަ މެސެޖުތަކުގައި ދައްކާފައިވާ ވާހަކަތަކުގެ ތަފްސީލު ނޭންގޭ ކަމަށް އޮފިސަރު އަބްދުﷲ ޝިފާޒް ފާހަގަކުރެއްވިއެވެ.
ޔޫސުފް ނައީމުގެ ވަކީލުވަނީ އެ ޑޭޓާ އެންމެ ފުރަތަމަ ނެގި ހިސާބުން ފެށިގެން ރިޕޯޓު ފުރިހަމަކުރުމާ ހަމައަށް ހިންގި އިޖުރާއާތު ހިއްސާކުރަން އެދިފައެވެ. އެހެންނަމަވެސް ޝިފާޒް ބުނެފައިވަނީ އެ ޑާާޓާ ހުރި ޕެންޑްރައިވްތައް އޭނާއާ ހަމައަށް އައުމުގެ ކުރިން ހިނގާފައިވާ ކަންކަން ނޭނގޭ ކަމަށެވެ.
ރައީސް ޔާމީނުގެ ދިފާއީ ވަކީލުންވަނީ އެ ޕެންޑްރައިވުގައި ހުރި އެއްވެސް ޑާޓާއަކުން ރައީސް ޔާމީނު މި މައްސަލާގައި 1 މިލިއަން ޑޮލަރުގެ ރިޝްވަތު ހޯއްދެވުމަށް އެއްވެސް ކަމެއް ކުރެއްވިކަމުގެ ހެކި ލިބޭތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ޝިފާޒް ބުނެފައިވަނީ ޔޫސުފް ނައީމުގެ ނަންބަރާ ގުޅިގެން އެއްކުރެވިފައިވާ އެއްވެސް ޑާޓާއަކުން އެފަދަ ހެއްކެއް ހޯދިފައިނުވާ ކަމަށެވެެ.
މި މައްސަލައިގައި މިއަދަށް ދެ ފަރާތެއްގެ ހެކިބަސް ނަގަން ތާވަލުކުރި ނަމަވެސް ގިނަ ވަގުތުތަކެއް ހޭދަވަމުންދާތީ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ދެވަނަ ހެކިވެރިޔާގެ ހެކިބަސް ނެގުން އެހެން ދުވަހަކަށް ތާވަލުކޮށްފައެވެ. މިއަދުގެ އަޑުއެހުން ފެށުނީ ވެސް އަޑުއެހުން ފައްޓަން ތާވަލުކުރި ވަގުތައްވުރެ ގަޑިއިރެއް ފަހުންނެވެ.