ބިއްލޫރި ޝީޓުތަކެއް ދަށުވެ 3 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް ވިދާޅުވީ މިއަދު މެންދުރުފަހު 1:30 ހާއިރު އެ ހޮސްޕިޓަލަށް ގެނައި ތިން މީހުންނަކީ ސިނާއީ މަސައްކަތް ކުރަމުން އަންނަ ނ. މާކުރަންދޫގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ކަމަށެވެ.

ރެސްޓު ބްލޮކް ނަމަކަށް ކިޔާ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ އެ ތިން މީހުންނަކީވެސް ބަންގްލަދޭޝް ރައްޔިތުންނެވެ.

ފަޒީލް ވިދާޅުވީ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އެ މީހުންނަށް ފަރުވާދެމުން އަންނަނީ އީއާރުގައި ކަމަށާއި ވަރަށް ބޮޑެތި އަނިޔާތައްވެސް ލިބިފައިވުމާއެކު އިތުރަށް ހަދަން ޖެހޭ ޓެސްޓުތައް ހަދަމުންދާ ކަމަށެވެ.

ފަޒީލް އިތުރަށް ވިދާޅުވީ އިތުރު ފަރުވާއަށް އެ މީހުން މާލެ ފޮނުވާލަން ޖެހިދާނެ ކަމެއް އަދި މުޅި އަކުން ޔަގީން ނުވާ ކަމަށެވެ.