ދިވެހި ޒުވާން އަންހެނުންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް އެއް އިރެއްގައި ހޯދި ކޮސްމެޓިކްސް ބްރޭންޑެއް ކަމަށްވާ ރެވްލޮން ބަނގުރޫޓުވެފައި ވާ ކަން ކަނޑައަޅާ ދިނުމަށް، އެމެރިކާގެ ކަމާ ބެހޭ ކޯޓަށް، އެ ކުންފުނިން ހުށަހަޅައިފިއެވެ.

ނެއިލް ޕޮލިޝްއާއި ލިޕްސްޓިކްގެ އުފެއްދުންތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ރެވްލޮން ކުންފުނިން ވަނީ، ތައާރަފު ވަމުން ދިޔަ އާ ބްރޭންދޤތަކުގެ ސަބަބުން މި ފާއިތުވީ އަހަރުތަކުގައި، ބާޒާރުގައި ފައިތިލި ސާބިތުކޮށްގެން އޮތުމަށް ތަކުލީފުތަކެއް އުފުލާފައެވެ.

ބަނގުރޫޓުވެފައި ވާ ކަން ބަޔާންކޮށް އެމެރިކާގެ ބޭންކްރަޕްޓްސީ ކޯޓަށް ހުށަހެޅި މައްސަލައަށް ބަލާއިރު މަހުޖަނު ރޮން ޕެރެލެމާންގެ އެސެޓްތަކާއި ލައެބިލިޓީތަކުގެ އަގު 1-10 ބިލިއަން ޑޮލަރާ ދެމެދު އަގަކަށް އަރައެވެ.

އެމެރިކާގެ ގާނޫނު އަސާސީގެ 11 ވަނަ މާއްދާ ނުވަތަ "ޗެޕްޓާ 11"ގެ ދަށުން ބަނގުރޫޓުވެފައި ވާ ކަން ކަނޑައެޅުމަށްފަހު، ކުންފުންޏަށް ފައިސާ ދޫކުރި ފަރާތްތަކަށް ފައިސާ އަނބުރާ ރައްދުކޮށްދެވެން ދެން، އެކަމާ ބެހޭ ޕްލޭންތައް ކުރުމަށް، ކުންފުނި އޮޕަރޭޓް ކުރުމުގެ ހުއްދަ ދެވެއެވެ.

ރެވްލޮންގެ ކޮސްމެޓިކްސް ވިޔަފާރި ބަނގުރޫޓުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަލުވި ދުވެލީގައި ސްކިންކެއާގެ އުފެއްދުންތަކަށް ވިޔަފާރި ބަދަލު ކޮށްލަން ފަސްޖެހުން ހިމެނޭ އިރު، ކައިލީ ޖެނާގެ ކައިލީ ކޮސްމެޓިކްސްއާއި ރިއާނާގެ ފެންޓީ ބިއުޓީ ފަދަ ބްރޭންޑްތަކާ ހެދި، އެމެރިކާގެ ފިހާރަތަކުގެ ހަރުގަނޑުތަކުން ރެވްލޮންގެ އުފެއްދުންތަކަށް ޖާގަ ނުލިބުން ފަދަ ކަންކަން ހިމެނެއެވެ.

ދުނިޔެ ދުށް ބޮޑު ތަދުގެ ދުވަސްވަރު، ނެއިލް ޕޮލިޝް އުފައްދާ ކުންފުންޏެއްގެ ގޮތުގައި ރެވްލޮން ތައާރަފުވި ފަހުން މިހާރު 90 ވަރަކަށް އަހަރު މާޒީވެއްޖެއެވެ. ރެވްލޮން ލިޕްސްޓިކް ތައާރަފު ކުރުމަށް ފަހު، 1955 ގައި އެ ބްރޭންޑް ވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ފައި ހަމަކޮށްފައެވެ.