ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގައި މާރާމާރީ ހިންގައި، އެ ތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މުވައްޒަފަކު މަރާލި މައްސަލައާ ގުޅިގެން، ހައްޔަރުކުރި އެ ރެސްޓޯރަންޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ޕާކިސްތާނުގެ މުހައްމަދު އާބިދަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފިއެވެ.
ފުލުހުން އާބިދު ހައްޔަރުކުރީ ވެރިޓަރު މަރާލި ދުވަހުގެ ރޭ މެންދަމު 2 ގެ ފަހުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފިލައިގެން އުޅެނިކޮށެވެ.
މިމައްސަލާގައި ޕީޖީން ވަނީ އާބިދުގެ މައްޗަށް، ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އިއްޔެ ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ޕާކިސްތާނު ކައްކާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އޭނާގެ ހަމަލާއިން ބަންލަދޭޝްގެ އެމްޑީ ޝާހިން ،29، ނަމަކަށް ކިޔާ ފިރިހެނަކު މަރުވެފައި ވާތީއެވެ.
އެ މާރާމާރީގައި މަރުވި ޝާހިން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެ ރެސްޓޯރަންޓުގެ ބައެއް މުވައްޒަފުން އޭނާއަށް އިތުރު ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައި ވާ ވީޑިއޯއެއް ދައުރުވިއެވެ. ނަމަވެސް އެެ ވީޑިއޯއިން ފެންނަ އިރު ވެއްޓިފައި އޮތް ޝާހިންގެ ހަރަކާތެއް ނެތް އިރު އޭނާގެ ގައިން ފޭބި ލޭ ވެސް ނެތެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން، ޝާހިން މަރާލުމަށް ހަމަލާ ދިނުމުން އޮހޮރުނު ލޭ ވަނީ ދޮވެ ނައްތާލާފައެވެ.
ޝާހިންގެ އާއިލާގެ އެދުމަށް އޭނާގެ ހަށިގަނޑު ވަނީ ބަންގްލަދޭޝަށް ފޮނުވާލާފައެވެ.